ސިނާއީ އިންގިލާބުގެ ތެރެއިން މޮބައިލް ފޯނު ވުޖޫދުވުމުން، މޮބައިލް ޓެކްނޮލޮޖީގެ ހިއްސާދާރުންނާއި ސިއްހީ މާހިރުންގެ މެދުގައި އެންމެ ފުރަތަމަ ވެސް ބަހުސް ކުރަން ފެށުނީ، މޮބައިލް ފޯނުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކާ މެދުގައެވެ. ސަބަބަކީ މޮބައިލް ފޯނަކީ، ރޭޑިއޯ ފްރިކުއެންސީ-އިލެކްޓްރޯ މެގްނެޓިކް ފީލްޑްސް (RF-EMF) ބޭރުކުރާ އާލާތަކަށް ވާތީއެވެ.
މޮބައިލް ފޯނުގެ ކުރިން، އަހަރެމެން ބޭނުންކުރަމުން އައި ޓީވީތަކާއި، ކުޑަކުދިން ނިންދަވާފައި ބޭއްވުމަށް ފަހު، އެކުދިން ހޭލާތޯ ބަލަން ބޭނުންކުރާ ބޭބީ މޮނިޓަރާއި އެފަދަ އެތައް އެއްޗަކީ، ރޭޑިއޯ ފްރިކުއެންސީ-އިލެކްޓްރޯ މެގްނެޓިކް ފީލްޑްސް (އާރްއެފް-އީއެމްއެފް) ބޭރުކުރާ އާލާތްތަކެވެ. ނަމަވެސް، އެފަދަ އާލާތްތައް ބޭނުންކުރާ މީހުންގެ ނިސްބަތާއި، އެ ތަކެތި ބޭނުންކުރާ ގޮތާއި ބޭނުންކުރާ މިންވަރާ އަޅައި ބަލާއިރު، މޮބައިލް ފޯނު ބޭނުންކުރާ ގޮތް ހާސް ބައި ތަފާތެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި ސިކުނޑީގައި ކެންސަރު ޓިއުމަރު އުފެދުމާއި މޮބައިލް ފޯނު ބޭނުންކުރުމާ ދެމެދު އެއްވެސް ގުޅުމެއް ނެތެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި ސިކުނޑީގެ ކެންސަރު ޖައްސާ ޓިއުމަރުގެ ބާވަތްތައް ކަމަށްވާ، ގްލިއޯމާ، މެނިންޖިއޯމާ އަދި އެކޮސްޓިކް ނިއުރޯމާ އުފެދުމާއި މޮބައިލް ފޯނު ބޭނުންކުރުމާ ދެމެދު އެއްވެސް ގުޅުމެއް ނެތެވެ.
ސިއްހަތު ޖަމިއްޔާއިން މި ގޮތަށް ބުނެފައި މިވަނީ، 1994 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދު، 22 ގައުމަކުން ކޮށްފައިވާ 63 ދިރާސާއެއް އަލުން ތަހުލީލުކޮށް ދިރާސާކުރުމަށް ފަހުއެވެ. ސިއްހަތު ޖަމިއްޔާގެ މި ދިރާސާގައި ބުނެފައިވާ ގޮތުން ސިކުނޑީގެ ދަށް ފަރާތުގައި އިންނަ ޕިޓިއުޓެރީ ގްލޭންޑްގައި ޓިއުމަރު އުފެދުމާއި، ސެލިވަރީ ގްލޭންޑްގައި ކެންސަރު އުފެދުމާއި ލޭގެ ކެންސަރު ޖެހުމުގައި ވެސް، މޮބައިލް ފޯނު ބޭނުންކުރުމާ އެއްވެސް ގުޅުމެއް ނެތެވެ.
މި ބުނި 63 ދިރާސާގައި ވެސް މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، މޮބައިލް ފޯނުން ބޭރުވާ ރޭޑިއޯ ފްރިކުއެންސީ-އިލެކްޓްރޯ މެގްނެޓިކް ފީލްޑްސް އަށް ހުށަހެޅިފައިވާ މީހުންގެ ސިއްހަތަށް ކޮށްފައިވާ އަސަރުތަކެވެ. ހަގީގަތުގައި މޮބައިލް ފޯނުން ބޭރުވާ އާރްއެފް-އީއެމްއެފްގެ ބާރު ވަރަށް ދަށެވެ. މޮބައިލް ފޯނުން ބޭރުކޮށްލާ ރޭޑިއޯ ވޭވްތަކަކީ އެކަމަށް ހާއްސަކޮށް ހަރުކޮށްފައި ހުންނަ އެންޓަނާތަކާއި ސެލް ޓަވަރުތަކެއް މެދުވެރިކޮށް އޭގެ މަންޒިލަށް ފޮނުވައިލާ އެއްޗެކެވެ.
އެ ދިރާސާތަކުގައި ބުނެފައިވާ ގޮތުން މޮބައިލް ފޯނުން ބޭރުވާ ރޭޑިއޯ ވޭވްތަކަކީ އަހަރެމެންގެ ހަށިގަނޑުގައިވާ ކެމިކަލް ބޮންޑްތައް ބުރުބުރި ކޮށްލެވޭވަރަށް ވުރެ ބާރު ދެރަ އެއްޗެކެވެ. އެހެންކަމުން، އެ ރޭޑިއޯ ވޭވްތަކުގައި އަހަރެމެންގެ ހަށިގަނޑުގައިވާ ޑީއެންއޭގެ ސިލްސިލާއަށް އެއްވެސް ގެއްލުމެއް ލިބޭ ވަރަށް ވުރެ ބާރު ދަށް އެއްޗެކެވެ.
މޮބައިލް ފޯނަކީ، އާރްއެފް-އީއެމްއެފް ބޭރުކުރާ އެއްޗަކަށް ވީފަދައިން އާރްއެފް-އީއެމްއެފް ލިބިގަންނަ ވެސް އެއްޗެކެވެ. ފޯން ކޯލެއް އަންނަ ވަގުތު ނުވަތަ ޓެކްސްޓް މެސެޖެއް އަންނަ ކޮންމެ ވަގުތަކީ އެ ފޯނަކަށް އާރްއެފް-އީއެމްއެފް ސިގްނަލްތައް ވަންނަ ވަގުތެކެވެ. ނަމަވެސް މޮބައިލް ފޯނު އެއްކޮށް ނިއްވާލާފައި އޮންނަ އިރު، އެއިން އާރްއެފް-އީއެމްއެފް ސިގްނަލެއް ބޭރެއް ނުކުރާނެއެވެ. އަދި އެފަދަ ސިގްނަލެއް އެއަށް ނުވެސް ވަންނާނެއެވެ.
މި ދިރާސާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އާރްއެފް-އީއެމްއެފް ޓްރާންސްމީޓަރުތައް ހުންނަ ސަރަހައްދުތަކުގައި – ބްރޯޑްކާސްޓްކުރާ އެންޓަނާތައް، ސެލް ފޯން ޓަވަރުތައް ފަދަ – އުޅުމަކީ، އެމީހުންނަށް ލިބޭ ދަރިންނަށް ލޭގެ ކެންސަރު ނުވަތަ ސިކުނޑީގެ ކެންސަރު ޖެހުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ.
މޮބައިލް ފޯނާއި ސިކުނޑީގެ ކެންސަރާ އެއްވެސް ގުޅުމެއް އެބައޮތް؟ މޮބައިލް ފޯނާއި ސިކުނޑީގެ ކެންސަރާ އެއްވެސް ގުޅުމެއް އެބައޮތް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ