ގޫގުލްގެ 'އޯލްވޭސް-އޮން ޑިސްޕްލޭ' އަށް ބޮޑު ބަދަލެއް ގެންނަނީ

ގޫގުލްގެ 'އޯލްވޭސް-އޮން ޑިސްޕްލޭ' (އޭއޯޑީ)އަށް ބޮޑު ބަދަލެއް ގެންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ބަދަލަކީ އެ ކުންފުނީގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ކުރިއަށް އޮތް ވާޝަން، އެންޑްރޮއިޑް 17 އާއެކު ތަޢާރަފުކުރާނެ ކަމަށް ބެލެވޭ 'މިން މޯޑް'ގެ ނަމުގައި ނެރޭ މުޅިން އާ ފީޗާއެކެވެ. 'މިން މޯޑް' އަކީ، މިހާރުގެ ޒަމާނީ ސްމާޓްފޯނުތަކުގައި އާންމުކޮށް ހުންނަ 'އޯލްވޭސް-އޮން ޑިސްޕްލޭ' ފީޗާއަށް ގެންނަ މުހިންމު ކުރިއެރުމެކެވެ. މި ފީޗާގެ އެންމެ ޚާއްޞަ ކަމަކީ، ތާޑް-ޕާޓީ އެޕްލިކޭޝަންތަކަށް ވެސް އެ އެޕްތަކުގެ އަމިއްލަ، އެންމެ ކުޑަ އިންޓަފޭސްތައް ފޯނު ލޮކްކޮށްފައި ހުންނައިރު އޭއޯޑީގައި ދައްކުވައިދިނުމުގެ ފުރުޞަތު ލިބުމެވެ. މީގެ ސަބަބުން، ޔޫޒަރުންނަށް ފޯނު އަންލޮކް ނުކޮށްވެސް އެޕްތަކުގެ މުހިންމު މަޢުލޫމާތުތައް ފެންނަން ހުންނާނެއެވެ. https://sun.mv/187599 މި ބަދަލުގެ ސަބަބުން ޔޫޒަރުން ފޯނު ބޭނުންކުރާ ގޮތަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. މިސާލަކަށް، ގޫގުލް މެޕްސް ފަދަ ނެވިގޭޝަން އެޕްތަކުން، ސްކްރީން ނިއްވާލާފައި ހުއްޓަސް، ދަތުރުކުރާ މަގުގެ މުހިންމު މައުލޫމާތު (ޓާން-ބައި-ޓާން ޑައިރެކްޝަންސް) އޭއޯޑީގައި ދައްކުވައިދެވިދާނެއެވެ. މީގެ އިތުރުން، މި މޯޑްގައި ބެޓެރީ ސޭވް ކުރުމަށްޓަކައި، ވަރަށް ކުޑަ ހަކަތަ ކޮޅެއް ބޭނުންވާ ޚާއްޞަ ޑިސްޕްލޭ މޯޑެއް ބޭނުންކުރާނެ ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. ޑިވެލޮޕަރުންނަށް މި ފީޗާ ބޭނުންކުރުން ފަސޭހަކުރުމަށްޓަކައި، އެޕްލިކޭޝަނެއްގެ މެނިފެސްޓް ފައިލްގައި މިން މޯޑް އެކްޓިވިޓީއެއް އިތުރުކޮށްލުމުން ފުދޭނެއެވެ. މި ފީޗާ މިހާރުވެސް އެންޑްރޮއިޑްގެ ސިސްޓަމްޔޫއައި ޕެކޭޖްގެ ތެރޭގައި ތަރައްގީކުރަމުން އަންނާތީ، އަންނަ އަހަރު އެންޑްރޮއިޑް 17 ރިލީޒްކުރާއިރު މި ފީޗާ ހިމެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ