ތުއްތު ދަރިފުޅު ހިރަފުހުގެ ތެރޭގައި ކުޅެން އުޅެނިކޮށް ފެނިގެން، އެ ތަނުން ނަގައި ހަތަރެސްފައި ދޮއްވައި ގޭތެރެއަށް ވައްދަން އުޅަމު ނޫން ހެއްޔެވެ؟ އެ ވަގުތު އެ ދަރިފުޅުގެ ކާފަމެން މާމަން ބުނޭ ނޫން ހެއްޔެވެ؛ ހިރަފުހުގެ ތެރޭގައި އެ ކުދިން ކުޅެން ތިބުމަކީ މައްސަލައެއް ނޫނެވެ. އެ ކުދިންގެ ދިފާއީ ނިޒާމު ވަރުގަދަ ވާނެއެވެ!
މިއީ މުސްކުޅިން ދައްކާ ކިހާ ވަރެއްގެ އޮއްޓަރެއް ހުރި ވާހަކައެއް ހެއްޔެވެ؟ އެކަމަށް ބާރު ލިބިދޭ އެއްވެސް ކަހަލަ އިލްމީ ދިރާސާއެއް ނުވަތަ ސައެންޓިފިކް ހެއްކެއް އެބައޮތް ހެއްޔެވެ؟ މާމަމެން ކާފަމެން އެބުނާ އެއްޗެއްގެ ބުރަދަން ވަޒަންކުރާނީ ކިހިނެއް ހެއްޔެވެ؟
ކުރުކޮށް ބުނާ ނަމަ، މާމަމެން ކާފަމެން އެ ބުނީ ހެޔޮކޮށެވެ. ތުއްތު ކުދިން ޅަފަތުގައި ހިރަފުހުގެ ތެރެއަށް ނެރެ ހިރަފުސް މާހައުލުތަކުގައި ގެންގުޅުމަކީ، އެކުދިން ހަށިގަނޑުގެ ދިފާއީ ނިޒާމަށް މެދުވެރިވާ އެތައް މައްސަލައެއް ހައްލުކޮށްދޭ އަދި އެލާޖީގެ އެތައް މައްސަލައެއް ހައްލުވާ ކަމެކެވެ. މި ކަމަށް ބާރު ލިބިދޭ ސައެންޓިފިކް އެތައް ދިރާސާއެއް ހަދާފައި އެބަހުއްޓެވެ.
އާންމު ގޮތެއްގައި ހިރަފުހުގެ ތެރެއަށް ނުވަތަ އާންމު މާހައުލުގެ ތެރެއަށް ނުނެރެ ގެންގުޅޭ ކުދިންނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ، ޕާޓީއަކަށް ދާން ނުވަތަ އެހެން ވެސް ކަމަކު ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރަން ޖެހިއްޖެ ނަމަ، ކެއްސައި ކިނބިހި އަޅައި ނޭފަތުން ފެން އަންނަން ފެށުމެވެ. މީހުން ގިނަ ތަނެއްގައި ނުވަތަ ހިރަފުސް ބޯ ތަނެއްގައި އުޅެން ޖެހިއްޖެ ނަމަ، ކުރިމަތިވާ އުނދަގޫ ވަކިން ބޮޑެވެ.
ތުއްތު ކުދިންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ތަރައްގީވަނީ އެކުދިންގެ ޅަފަތުގެ ދުވަސްވަރު ކަމަށްވާތީ، ހަށިގަނޑަށް އެތެރެވާ ތަފާތު ސެލްތަކާއި ބެކްޓީރިއާތަކާއި ވައިރަސްތައް ދެނެގަތުމުގެ ފުރުސަތު، އެ އުމުރުގައި ކުއްޖާގެ ދިފާއީ ނިޒާމަށް ލިބިދޭންޖެހެއެވެ. އެ ފުރުސަތު ލިބެނީ، ހަށިގަނޑުގެ އަމިއްލަ ސެލްތަކުގެ އިތުރުން، އެހެން ބާވަތެއްގެ ބީރައްޓެހި ސެލްތައް ހަށިގަނޑަށް ވަންނަން ފެށުމުންނެވެ.
ހިރަފުހާއެކު، ބީރައްޓެހި ސެލްތައް ހަށިގަނޑަށް އެތެރެވުމުން، ހަށިގަނޑު ދިފާއުކުރާ ލަޝްކަރުގައި ހިމެނޭ ސެލްތައް އެކަން ދެނެގަނެ، މިއައި ބީރައްޓެއްސަކީ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއްތޯ ނުވަތަ ބައްޔެއް ޖައްސައިފާނެ އެއްޗެއްތޯ ކަނޑައަޅަން އެނގެއެވެ. ޅަފަތުގައި ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ހިރަފުހުގެ ސެލްތައް ވަންނަނަމަ، އެއީ ހަށިގަނޑަށް ބައްޔެއް ޖައްސައިފާނެ ނުރައްކާތެރި ދުޝްމަނެއްކަން ދެނެގަތުމުގެ ގާބިލުކަން، ދިފާއީ ސެލްތަކަށް ލިބެއެވެ.
މިއާ ހިލާފަށް ތުއްތު ކުދިންގެ ދިފާއީ ނިޒާމު ހަރަކާތްތެރި ކުރުވުމުގެ ސިގްނަލްތައް ނުވަތަ އަމުރުތައް އާންމު ގޮތެއްގައި ދިފާއީ ނިޒާމަށް ލިބެނީ، ކުއްޖާގެ ގޮހޮރު ނުވަތަ މައިދާގައި ހުންނަ މައިކްރޯބްތަކުންނެވެ. މި ބާވަތުގެ މައިކްރޯބްތަކަށް ކިޔަނީ ގަޓް މައިކްރޯބިޔޯމްއެވެ. އަހަރެމެންގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންވާ މި ބާވަތުގެ މައިކްރޯބްތަކަކީ، އަހަރެމެން ދިރި ތިބުމަށްޓަކައި ކޮންމެހެން ބޭނުންވާ ވިޓަމިންތައް އުފެއްދުމުގަޔާއި އަހަރެމެންގެ ކާނާ ހަޖަމްކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗެކެވެ.
ތުއްތު ކުދިންގެ އުމުރުން ފުރަތަމަ އަހަރަކީ މި ބާވަތުގެ މައިކްރޯބިޔޯމްތައް އުފެދި ތަރައްގީވުމަށް ވަރަށް މުހިންމު އަދި ވަރަށް ނާޒުކު ދުވަސްވަރެކެވެ. ދުނިޔެއަށް އުފަންވާ ކުއްޖާގެ ހަށިގަނޑަށް މި ބާވަތުގެ މައިކްރޯބްތައް އެންމެ ފުރަތަމަ ލިބެން ފަށަނީ، ރަހިމުގެ ތެރެއިން ދުނިޔެއަށް ނުކުތުމަށް އެ ކުއްޖާ ދަތުރުކުރާ މަރުހަލާގައެވެ. އޭގެ އިތުރުން، އެ ކުއްޖާއަށް މައިމީހާގެ ގާތުން ދޭން ފެށުމުންނެވެ.
އެއަށް ފަހުގައި ތުއްތު ކުއްޖާ ހެދި ބޮޑުވަމުން އަންނަ އިރު، އޭނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ތަރައްގީވުމަށްޓަކައި ބޭނުންވާ މައިކްރޯބިޔޯމްތައް އެތައް ގޮތަކުން އޭނާގެ ހަށިގަނޑަށް އެތެރެވެއެވެ. "އޯލްޑް-ފްރެންޑްސް ހައިޕޮތެސިސް" ތިއަރީ ބުނާ ގޮތުން، ތުއްތު ކުއްޖާގެ ޅަފަތުގައި ހަށިގަނޑަށް އެތެރެވާ މައިކްރޯބްތަކުގެ ބާވަތްތައް އިތުރުވި ވަރަކަށް، ހަށިގަނޑުގެ އަމިއްލަ ސެލްތަކާއި ބޭރުން އެތެރެވާ ބީރައްޓެހި ނުރައްކާތެރި ސެލްތައް ވަކިކޮށް ދެނެގަތުމުގެ ގާބިލުކަން ދިފާއީ ނިޒާމުގައި އިތުރުވެއެވެ.
މި ތިއަރީގައި ބުނާ އޯލްޑް-ފްރެންޑްސް އަކީ އިންސާނާގެ ހަށިގަނޑަށް ގެއްލުމެއް ނުދީ ހަށިގަނޑު ހެދިބޮޑުވުމުގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ހަށިގަނޑުގެ ތެރޭގައި ދިރިއުޅޭ ސެލްތަކާއި މައިކްރޯބްތަކެވެ. މި ތިއަރީ ބުނާ ގޮތުން، ހަޔާތުގެ ކުރީކޮޅުގައި މާ ގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމަކީ، މައިދާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ މައިކްރޯބްތައް ނައްތައިލާ ކަމެކެވެ.
އޭގެ އިތުރުން، ސިޒޭރިއަން ހަދައިގެން ދަރިފުޅު އުފަންކުރުވުމަކީ، މައިމީހާގެ ރަހިމުގެ ތެރެއިން ލާފައި ތުއްތު ކުއްޖާ އުފަންވާއިރު، ރަހިމުގެ ތެރެއިން ލިބޭ ބެކްޓީރިއާތައް (ވަޖައިނަލް ބެކްޓީރިއާ) ކުއްޖާއަށް ލިބުމަށް ހުރަސްއަޅާ ކަމެކެވެ. އަދި ޅަފަތުގައި މައިމީހާގެ ގާތުން ނުދިނުމަކީ ވެސް އެކުދިންގެ ދިފާއީ ނިޒާމު ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އެތައް ބެކްޓީރިއާތަކަކުން އެކުދިން މަހުރޫމު ކުރުވާނެ ކަމެކެވެ.
ފިންލޭންޑުގައި ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، ރީތިކޮށް ގާ އަތުރައިގެން ނުވަތަ ހިލަ އަޅައިގެން ހަދާފައި ހުންނަ ކުޅޭ ތަންތަނުގައި ކުޅެން އުޅޭ ކުދިންނާއި، ވިނަތަކާއި ވެލިގަނޑުގައި ކުޅޭ ކުދިންގެ ދިފާއީ ނިޒާމުގައި ވަރަށް ބޮޑެތި ތަފާތުތައް ހުރެއެވެ. އެ ގޮތުން ވިނަތަކާއި ވެލިގަނޑުގައި ކުޅޭ ކުދިންގެ ހަންގަނޑުގައި، ހަށިގަނޑަށް ގެއްލުން ނުވާ ޒާތުގެ ބެކްޓީރިއާ ވަރަށް ގިނައިން ހުންނަކަން ފާހަގަކުރެވެއެވެ.
އަދި، ބީރައްޓެހި ސެލްތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ސިގްނަލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ފޮނުވައިދޭ މޮލިކިއުލްތައް އެ ކުދިންގެ ލޭގައި ހުންނަ މިންވަރު ވެސް، ގާ އަތުރައިގެން ނުވަތަ ހިލަ އަޅައިގެން ހަދާފައި ހުންނަ ތަންތަނުގައި ކުޅޭ ކުދިންނަށް ވުރެ އެތައް ގުނައެއް އިތުރެވެ. މިއިން އެނގެނީ، ހިރަފުހުގެ ތެރޭގައި ކުދިން ކުޅެން އުޅުމުން، ގިނަ ބެކްޓީރިއާތަކަކަށް އެކުދިންގެ ހަށިގަނޑު ހުށަހޮޅުމުން، އެކުދިންގެ ދިފާއީ ނިޒާމު ވަރުގަދަވުމަށް އެހީވެދޭ ކަމެވެ.
މީގެ އިތުރުން ސްވިޑްންގައި 2024 ވަނަ އަހަރު ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ގެރިބަކަރި ގެންގުޅޭ ދަނޑުތައް ކައިރީގައި ދިރިއުޅޭ ކުދިންނާއި، އޮޅު ޖަނަވާރު ގެންގުޅޭ ގޭގޭގައި ދިރިއުޅޭ ކުދިންނަށް އެލާޖީގެ އުނދަގޫތައް ކުރިމަތިވާ މިންވަރު، އެ ނޫން ތަންތަނުގައި އުޅޭ ކުދިންނަށް ވުރެ ދަށެވެ. އަދި، ހަށިގަނޑަށް ގެއްލުން ނުދޭ ޒާތުގެ ބެކްޓީރިއާތައް އެ ކުދިންގެ މައިދާގައި އެކުލެވޭ މިންވަރު ވެސް، އެ ނޫން ތަންތަނުގައި އުޅޭ ކުދިންނަށް ވުރެ އެތައް ގުނައެއް މައްޗެވެ.
ހިރަފުހުގެ ތެރޭގައި ކުދިން ކުޅެން ދޫކޮށްލަން ވެދާނެތަ؟ ހިރަފުހުގެ ތެރޭގައި ކުދިން ކުޅެން ދޫކޮށްލަން ވެދާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ