ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޝަހީދު ހުސައިން އާދަމްގެ އުފަން ރަށް ކުޅުދުއްފުށީގައި ޚާއްސަ ޖަލްސާއެއް ބާއްވައިފި

ނަސްރުގެ ދުވަހުގެ ބަތަލު، ޝަހީދު ހުސައިން އާދަމް އުފަންވި ރަށް، ހދ. ކުޅުދުއްފުށީ ސިޓީގައި ރޭ ވަނީ ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ އެއް ބާއްވައިފައެވެ.
މި ޖަލްސާ ބާއްވާފައިވަނީ މި މުނާސަބަތު ފާހަގަކޮށް، ޤައުމީ ރޫޙު އާލާކުރުމުގެ މަޤްސަދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެ ސިޓީގެ ޖަލާލުއްދީން ސްކޫލު ގުޅިގެންނެނެވެ.
ރޭ އެ ސިޓީގައި ބޭއްވި މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް، ނާޞިހާ އިދުރީސްއެވެ. އަދި މި ޖަލްސާގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އާއި ސްކޫލްތަކުގެ ޕްރިންސިޕަލުގެ އިތުރުން ޝަހީދު ހުސައިން އާދަމް އާއި އެކު ސިފައިންގޭގައި އުޅުއްވި، އެމްއެންޑީއެފްގެ ފަސްޓް ސާޖަންޓް ޢަބްދުއްރަޝީދު ޤާސިމް އާއި ކައުންސިލަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާ ގެ ތެރެއިން، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން، ނަސްރުގެ ދުވަހަށް ސްކޫލުތަކުގެ މެދުގައި ބޭއްވި މަޒުމޫން ލިޔުމުގެ މުބާރާތުގެ ނަތީޖާ ވެސް ވަނީ ފާޅުކޮށްފައެވެ.
މީގެ އިތުރުން މި ޖަލްސާގައި ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ވަނީ ނޮވެމްބަރު 3 ވީ އެ އަނދިރި ބަޑި ބުރާސްފަތީގައި ކަން ހިނގި ގޮތުގެ ލަވަ ޑްރާމާއެއް ހުށަހަޅާފައެވެ. މި ޑްރާމާގެ ތެރެއިން ދަރިވަރުން ވަނީ ޤައުމަށްޓަކައި ދީލާލި ބަޠަލުންގެ ހަނދާން އާކޮށް، އެބޭފުޅުންގެ ޖިހާދުގެ މަތިވެރިކަން ދައްކުވައިދީފައެވެ.
 
މި ޖަލްސާ އަކީ ޒުވާން ޖީލުގެ ހިތްތަކުގައި ޤައުމީ ޒިކުރު އާލާކޮށް، ތާރީޚީ މި ދުވަހުގެ މުހިންމުކަން ހަނދާންކޮށްދިނުމަށް ބޭއްވުނު މުހިންމު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.
މިއާއެކު، ޝަހީދު ހުސައިން އާދަމް ދެއްކެވި މާތް ނަމޫނާއާއި ހިތްވަރު ރަމްޒުކޮށްދިނުމަށް އެ ސިޓީގެ ބަންޑާރަ މައިދާނުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ބިނާ ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ. މިގޮތުން މި ބިނާ ހުޅުވުމަށް ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ އެންމެނަށް ދައުވަތު އަރުވާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ