އިމްރާން ކަސްޓަމްސް އޮފިސަރެއްގެ ރޯލް ކުޅޭ ވެބް ސީރީސް އަންނަ މަހު
ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ ކަސްޓަމްސް އޮފިސަރެއްގެ ރޯލް ކުޅޭ ވެބް ސީރީސްގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. އަންނަ މަހު ޕްރީމިއާކުރާ މި ވެބް ސީރީސްގެ ނަމަކީ "ޓަސްކަރީ: ދަ ސްމަގްލާސް ވެބް"އެވެ. ނެޓްފްލިކްސްއިން ގެނެސްދޭ މި ވެބް ސީރީސްއަކީ ޑައިރެކްޓަރު ނީރަޖް ޕާންޑޭއާ ގުޅިގެން އެ ޕްލެޓްފޯމްއިން ގެނެސްދޭ ސީރީސްއެކެވެ. މިއީ ދާދި ފަހުން "ކާކީ"ގެ ނަމުގައި ނީރަޖް ގެނެސްދިން ދެ ވެބް ސީރީސްއަށް ފަހު އޭނާ ނެޓްފްލިކްސްއަށް އުފައްދާ ތިން ވަނަ އެކްޝަން ތުރިލާ ވެބް ސީރީސްއެވެ. މި ވެބް ސީރީސްގައި އިމްރާން ފެންނާނީ ގާނޫނާ ޚިލާފު ކުށްތަކެއް ފުޅާ ދާއިރާއެއްގައި ހިންގާ ވަރަށް ބޮޑު ނެޓްވޯކެއް އަތުލައިގަތުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ކަސްޓަމްސް ސުޕްރިންޓެންޑެންޓެއްގެ ރޯލުންނެވެ. މި ސީރީސްގެ ޓީޒާ ރިލީޒްކުރުމާއެކު ވަރަށް ގިނަ ބަޔަކު ވަނީ މި ސީރީސް ވަރަށް ޝައުގުވެރިވާނެ ކަމަށާއި އިމްރާންގެ މި ސީރީސްއަށް އިންތިޒާރުކުރާ ކަމަށެވެ. އިމްރާން ޑައިރެކްޓަރު ނީރަޖް ޕާންޑޭއާ އެކު -- ފޮޓޯ/ ބޮލީވުޑްހަންގާމާ އިމްރާންއާއެކު "ޓަސްކަރީ: ދަ ސްމަގްލާސް ވެބް"އިން ފެންނާނެ އިތުރު ތަރިންގެތެރޭ ޒޯޔާ އަފްރޯޒް، ނަންދީޝް ސާންޑޫ، އަމްރުތާ ކަންވިލްކާރު، ފްރެޑީ ދާރޫވާލާ، އަނޫޖާ ސާތޭ، އަނުރާގް ސިންހާ، ވިރެންދްރަ ސަކްސެނާ އަދި ހެމަންތު ހޭރް ހިމެނެއެވެ. ބޮލީވުޑްގެ އެންމެ މަގުބޫލު އަދި ތަޖުރިބާކާރު އެކްޓަރުންގެ ތެރޭގައި ހިމެނޭ އިމްރާން ހާޝިމީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ގެނެސްދިން ވެބް ސީރީސް "ދަ ބޭޑްސް އޮފް ދަ ބޮލީވުޑް"ގެ ރޯލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ