15 އަހަރު ފަހުން އަކްޝޭއާއި ޑައިރެކްޓަރު އަނީސް އެކުގައި ފިލްމެއް އުފައްދަނީ
ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު، ޑައިރެކްޓަރު އަނީސް ބަޒްމީއާއެކު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ 15 އަހަރު ފަހުން އަކްޝޭއާއި އަނީސް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަކްޝޭއާއި އަނީސް އެކުގައި މަސައްކަތް ފަށާ މި ފިލްމަކީ "ރާމް އޯރް ޝާމް"ގެ ނަމުގައި އުފައްދާ ފިލްމެކެވެ. އަދި މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އަކްޝޭ ޑަބަލް ރޯލްއިން ފެންނާނެ ކަމަށް މީޑިއާތަކުން ބުނެފައިވާ މި ފިލްމަކީ މި އަހަރު ރިލީޒްކުރި ތެލުގޫ ފިލްމު "ސަންކްރަންތިކީ ވަސްތުނަމް" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. ދާދިފަހުން އަނީސް މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި އަކްޝޭއާއެކު މަސައްކަތް ފަށަން އުޅޭ ކަމަށް ބުނެ އެ ފިލްމުގެ ސްކްރިޕްޓް ވެސް ތައްޔާރުކޮށް ނިމިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އާއްމުކޮށްފައެއް ނުވެއެވެ. އަކްޝޭ ކުމާރު އަދި ޑައިރެކްޓަރު އަނީޒް ބަޒްމީ ފިލްމު "ސިންގް އިޒް ބްލިންގް"ގެ ސެޓުގައި -- ފޮޓޯ/ފިލްމުފެއަ ޑައިރެކްޓަރު އަނީސްއާއި އަކްޝޭ އެންމެ ފަހުން އެކުގައި މަސައްކަތްކޮށްފައި ވަނީ 2011 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތޭންކް ޔޫ"ގައެވެ. އަނީސްއާއި އަކްޝޭ އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ވެލްކަމް" އަދި "ސިންގް އިޒް ބްލިންގް" ހިމެނެއެވެ. އަނީސް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބޮޑު ތަރުހީބެއް ހޯދި ފްރެންޗައިސް "ބޫލް ބުލައްޔާ"ގެ ތިން ވަނަ ފިލްމެވެ. އެ ފްރެންޗައިސްގެ ދަށުން ގެނެސްދިން ފުރަތަމަ ފިލްމުގެ ލީޑް އެކްޓަރަކީ ވެސް އަކްޝޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ