އެފްއޭއެމް އިން "ޑައިމަންޑް ޖޫބިލީ ފުޓްބޯޅަ ފެސްޓިވަލް" ބާއްވަނީ އެފްއޭއެމް އިން "ޑައިމަންޑް ޖޫބިލީ ފުޓްބޯޅަ ފެސްޓިވަލް" ބާއްވަނީ

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި، "ޑައިމަންޑް ޖޫބިލީ ފުޓްބޯޅަ ފެސްޓިވަލް" ގެ ހަރަކާތްތަކެއް ބާއްވަން ނިންމައި، އެފްއޭއެމް އިން އިއުލާނުކޮށްފި އެވެ.
އެ ގޮތުން، މި ފެސްޓިވަލްތަކުގެ ފުރަތަމަ ހަރަކާތް އޮންނާނީ މި ހަފްތާ ބަންދުގައި މާލޭގަ އެވެ. މި މަހު ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހު މާފަންނު ޓާފް ދަނޑުގައި ބާއްވާ މި ހަރަކާތުގައި މާލެ ސަރަހައްދުގެ އެކަޑަމީތަކުން 1500 އަށް ވުރެން ގިނަ ކުދިން ބައިވެރިވާނެ އެވެ.
"މި ދެ ދުވަހުގެ ހަރަކާތުގައި އެކަޑަމީތަކުގެ މެޗުތަކާއި ވާދަވެރިކަމާއި އެކުވެރިކަމާއި ކުޅިވަރުގެ ރޫހާއި މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއެރުމަށް ފަރުމާކޮށްފައިވާ ހަރަކާތްތައް ހިމެނޭނެ އެވެ." އެފްއޭއެމުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގެ ފެސްޓިވަލް ބަޔަށް ފަހު ދެން މި ހަރަކާތް ފުޅާވެގެންދާނީ އަތޮޅު ތެރެއަށެވެ.
ރާއްޖޭގެ އެއް ވަނަ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރަން، ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔައީ، 2000 ވަނަ އަހަރު، ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް ފާހަގަކުރުމަށެވެ. ގޯލްޑަން ޖޫބިލީގެ ނަމުގައި ކުޅުނު އެ މުބާރާތުގެ ފައިނަލުން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި އެވެ. އޭގެ ފަހުން، ރާއްޖޭން ފުޓްބޯޅައިގައި ދެ ތަށްޓެއް ހޯދި އެވެ. އެއީ، 2008 އާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރަން ބާއްވާ މުބާރާތް އަންނަ އަހަރު ޖޫން އަށް ތާވަލުކޮށްފައި އޮތްއިރު، ކްލަބްތަކުން ނަން ފޮނުވައިގެން، ޑައިމަންޑް ޖޫބިލީ ކޮމިޓީއެއް ފާސްކޮށްފައިވަނީ ގިނަ މަސައްކަތްތަކެއް ކުރާ ގޮތަށެވެ. އެ ކޮމިޓީގެ ޗެއާމަނަކީ މަޝްހޫރު ކޯޗު އަލީ ސުޒޭން އެވެ.
"ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ފަރާތުން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ސަހުސިއްޔަތެއް ކަނޑައެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ޑައިމަންޑް ޖޫބިލީގެ ލޯގޯ އިފްތިތާހު ކުރީ ދާދި ފަހުން ރާއްޖެ އަށް ކުރި ދަތުރުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. އެ ދުވަހު، އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ހާއްސަ މެޗެއް ކުޅުއްވީ، އެ ދުވަހު ބޭއްވި ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ