އަންނަ އަހަރު ބަޖެޓުން ކުރަން ޖެހޭ ހަރަދުތައް ކުރަން ދަރަނީގެ ގޮތުގައި ހޯދާ ފައިސާގެ ތެރޭގައި ގަތަރު ފަންޑު ފޯ ޑިވެލޮޕްމަންޓުން ތިން ބިލިއަން ރުފިޔާގެ ލޯނެއް ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި، ދަރަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ހޯދަން ރާވާފައިވެ އެވެ. މިއީ މި އަހަރު ދަރަންޏަށް ނަގާ 20.6 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.
ދަރަންޏަށް ނަގާ ފައިސާގެ ތެރެއިން 6.5 ބިލިއަން ރުފިޔާ ނަގަނީ ބައިލެޓެރަލް ޕާޓްނަރުންގެ އަތުންނެވެ. މި ދަރަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ގަތަރުން ނަގާ ލޯނެވެ. ދައުލަތުން ދައްކަން ޖެހިފައިވާ ލޯނުތަކުގެ ތާވަލުގައި ހުރި މައުލޫމާތަށް ބަލާއިރު، މިއީ ގަތަރު ފަންޑުން ނަގާ ފުރަތަމަ ލޯނެވެ.
ނަމަވެސް މީގެ ކުރިން ސައުދީ ފަންޑާއި އަބޫދާބީ ފަންޑުންނާއި ކުވައިތު ފަންޑުން ލޯނު ނަގާފައިވެ އެވެ. މީގެ ތެރެއިން ގިނަ ލޯނުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތަރައްގީކުރަން ނެގި ލޯނުތަކެވެ.
ގަތަރު ފަންޑުން ނަގާ ލޯނަކީ ކޮން ކަމަކަށް ބޭނުންކުރާ ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ. ފިނޭންސުގައި މި ސުވާލުކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ބުނީ އެކަން ސާފުކުރުމަށް ފަހު ޖަވާބެއް ދޭނެ ކަމަށެވެ.
އަންނަ އަހަރު ދަރަނީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދާއިރު، ސަރުކާރުގެ ފައިނޭންސިން ޕްލޭން މަސައްކަތް ކުރުން ނޫން ގޮތެއް އަންނަ އަހަރު ނެތެވެ. ސަބަބަކީ ދައްކަން ޖެހިފައިވާ ބޮޑެތި ލޯނުތައް ބޯމަތިވެފައި އޮއްވައި، ހަރަދު ކުޑަކުރުމެއް ނެތި ސަރުކާރުގެ ހަރަދުތައް ބޮޑުވާ ސިޔާސަތުތަކައިގެން ކުރިއަށް ދިޔުމެވެ.
ސަރުކާރުން ވަނީ ހަރަދު ކުޑަކުރަން ގެންގުޅުން ހޯމް ގްރޯން ފިސްކަލް ރިފޯމް އެޖެންޑާއަށް ހެދި ގޮތެއް ނުބުނެ އެ މަސައްކަތް ހުއްޓާލައިފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުން އަޅާ ފިޔަވަޅެއް އަދި ހަރަދު ކުޑަވާ ދާއިރާއެއް ފެންނާކަށް ނެތެވެ.
އަންނަ އަހަރު ދަރަންޏަށް އިތުރުވާ ފައިސާއާއެކީ، އެ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި، ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން، ހުންނާނެ ކަމަށް އަންދާޒާ ކުރަނީ 158.8 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 127.6 ޕަސެންޓެވެ.
އަންނަ އަހަރު ބޮޑެތި ދަރަނިތަކެއް ދެއްކިޔަސް ދަރަނި އިތުރުވަނީ، ދަރަންޏަށް ފައިސާ ހޯދައިގެން ދަރަނި ދައްކަން ރާވާފައިވާތީ އެވެ. އަދި މިހާރު ޖީޑީޕީގެ ނިސްބަތުން ރެކޯޑު އަދަދަދަކަށް (135 ޕަސެންޓަށް) ދަރަނި އުފުލިފައިވާއިރު، މި އަދަދު ދަށް ވަނީ ގެރެންޓީ ދީފައިވާ ލޯނުތަކެއް ނިމުމަކަށް އަންނާތީ އެވެ.
ބަޖެޓު 2026: ގަތަރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް ބަޖެޓު 2026: ގަތަރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ