ގެދޮރުވެރިޔާ ސްކީމުގެ ފޯމެއް ކަމަށް ބުނެ ފޮނުވާ ލިންކަކުން ސްކޭމްކުރަނީ
ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ, ސްކޭމްކުރާ ބަޔަކު ފޮނުވާ މެސެޖެއްގެ ސްކްރީންޝޮޓެއް އާންމުކޮށްފައެވެ. އެ މެސެޖުގައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލައިފައިވާ ފޯމުތައް ބާތިލުކޮށް، އަލުން ފޯމުލުމުގެ ފުރުސަތު ހުރިހާ ދިވެހީންނަށް ހުޅުވާލައިފައިވާ ކަމަށެވެ. އެ މެސެޖުގައިވަނީ ފޯމު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ ލިންކެއް ވެސް ހިމަނައިފައެވެ. ފުލުހުން ބުނީ އެއީ ފިޝިން ލިންކެއް ކަމަށާއި އެ ލިންކަށް ވަނުމުން، ސްކޭމަރުން އެ މީހެއްގެ ޖީމެއިލްއަށް ވަންނަ ކަމަށެވެ. އަދި މެއިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންގެ އޯޓީޕީ ހޯދައި، ބޭންކް އެކައުންޓުގައި ހުންނަ ހުރިހާ ފައިސާއެއް ވަގުތުން ނަގާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ޝައްކު އުފެދޭ ލިންކްތަކަށް ނުފިތުމަށް ފުލުހުން އިލްތިމާސްކުރިއެވެ. އަދި ގެދޮރުވެރިޔާއާ ގުޅުންހުރި ރަސްމީ މުއާމަލާތްތައް ހަމައެކަނި ކުރެވޭނީ ގެދޮރުވެރިން ޕޯޓަލް އަދި ކަށަވަރުކޮށްފައިވާ ވެބްސައިޓުތަކުން ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ވަނީ، ބޭންކުތަކުންނާއި އެޗްޑީސީން އެއްވެސް މީހެއްގެ އޯޓީޕީ ނުވަތަ ޕާސްވޯޑް ނުހޯދާނެ ކަމަށް ބުނެފައެވެ. އަދި ޖީމެއިލްއާއި ބޭންކިން އެޕްތަކުގައި ޓޫ-ފެކްޓާ އޮތެންޓިކޭޝަން އެކްޓިވޭޓް ކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. މިފަދަ ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. އެެހެންވެ، ސްކޭމްތަކަށް ސަމާލުވުމަށް މެދުކެނޑުމެއްނެތި ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި 165 ސްކޭމް މައްސަލަ ހުށަހަޅާފައިވާއިރު، މި މައްސަލަތަކުގައި 1.3 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ އެންމެ ހަތަރު ލައްކަ ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ