ރާއްޖޭގައި ބޭސް އުފެއްދޭތޯ ބަލައި އެއާ ގުޅޭ ދިރާސާތައް ކުރަނީ

ރާއްޖެއަށް ބޭސް އެތެރެކުރުމަށް އުފެއްދި ސަރުކާރުގެ ކުންފުނީގެ އެއް މަސައްކަތަކަށް ވާނީ ރާއްޖޭގައި ބޭސް އުފެއްދޭނެތޯ ބަލައި އެކަމާ ގުޅޭ ދިރާސާތައް ހެދުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް ބޭހުގެ މައްސަލަ ހައްލު ކުރަނީ އެއާ ގުޅުންހުރި ވަކި ކުންފުނިތައް އުފައްދައިގެން ކަމަށެވެ.
ތަފްސީލް -  މިހާރު ރާއްޖެއަށް ބޭސް އެތެރެކުރާ މައިގަނޑު ކުންފުންޏަކީ އެސްޓީއޯ ކަމަށާއި ނަމަވެސް އެ ކުންފުންޏަކީ އެހެން ވިޔަފާރިތައް ވެސް ކުރާ ކުންފުންޏަކަށްވާތީ ސީދާ ބޭހުގެެ މައްސަލައަށް ކުންފުނީގެ ސީދާ ފޯކަސް ހަމައެކަނި ބޭހަށް ނުހުންނާނެ ކަމަށެވެ.
"ކޮމަން ސެންސަކީ އަދި ރިސާޗު ފައިންޑިންސްތަކުން ދައްކާގޮތުގައި ވަކި މުހިއްމު ކަމަކަށް ހާއްސަ ކުރެވިގެން ކަމެއް އުފެދިގެން، އެކަމަށް ފޯކަސް ކުރެވިގެން ކުރަންޏާ ނިކުންނާނެ ނަތީޖާ އަބަދު ވެސް ރަނގަޅުވާނެ،" ނާޒިމް ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި، ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް ސަރުކާރުގެ ފާމަސޫޓިކަލް ކުންފުންޏެއް އޮންނަކަން ފާހަގަކުރައްވައި ހެލްތު މިނިސްޓަރު ވިދާޅުވީ އެއީ ބޭހުގެ ކަންތަކަކީ މުހިއްމު ކަމަކަށްވާތީ އޮންނަ އުސޫލު ކަމަށެވެ.
ފާމަސޫޓިކަލްއަށް ވަކި ކުންފުންޏެއް ހެދުމުން މުޅި އެ ކުންފުނީގެ އަދި ކުންފުނީގެ ވެރިންގެ ވިސްނުމަކަށް ވާނީ ބޭހުގެ މައްސަލައަށް ހައްލު ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮބައިތޯ ރަނގަޅު ބޭސް އެެވެއިލަބަލް ފެކްޓްރީތަކަކީ، ކޮބައިތޯ އެންމެ ރަނގަޅު ލިންކުތަކަކީ [ބެލުން]. އަދި އެއެއް ވެސް ނޫން ރާއްޖޭގެ ބޭހުގެ ކަންތައް އަދި މި ހާލަތުގައި ބާއްވައިގެން ނިމޭކަށް ނެތް. އަޅުގަނޑުމެންގެ ކައިރި އަވައްޓެރި ގައުމުތަކުގައި މިހާރު އާންމު ބޭސްތައް އެބަ އުފައްދާ،" ނާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ މި ކުންފުނީގެ އެއް މަސައްކަތަކަށް ވާނީ މީގެ ރިސާޗުތައްކޮށް، މިއާ ބެހޭ ލެބޯޓަރީތައް ހަދާ އަދި އިންވެސްޓަރުން ހޯދައި ރާއްޖޭގައި ވެސް އުފެއްދޭނީ ކޮން ބޭހެއްތޯއާ ކުރެވޭނީ ކޮން ކަމެއްތޯއާ ބަލައި މުޅި މި ދާއިރާ ފުޅާކުރަމުން ގެންދިއުން."
ބޭހުގެ މައްސަލަ ހައްލު ކުރުމަށް އެއާ ގުޅޭޭ ދިރާސާތައް އެކަމުގެ ފަންނުވެރިން ލައްވާ ހައްދުވަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ މިދިޔަ 7 ސެޕްޓެމްބަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ