އާސަންދައިގެ ދަށުން ލިބޭ ބޭސްތަކުގެ ލިސްޓަށް ބޭސް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އާސަންދަ ސްކީމުގެ ދަށުން ލިބެމުންދިޔަ އެއްވެސް ބޭހެއް އެ ސްކީމުގެ ދަށުން ދޫކުރުން ހުއްޓާނުލާ ކަމަށެވެ.
ބުނީ ކީކޭ؟ - "އާސަންދައިން ލިބޭ އެއްވެސް ބޭހެއް އާސަންދަ އިން ހުއްޓާލައިފައެއް ނެތް. އޭގެ އިތުރުން އާސަންދަ އިން ލިބޭ ބޭސްތައް އާސަންދައިގެ ލިސްޓަށް އިތުރުކުރުމުގެ މަސައްކަތް [އަންނަނީ ކުރަމުން]،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދަ ކުޑަކުރުން ނުވަތަ ލިމިޓު ކުރުމުގެ ވިސްނުން ވެސް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
ބައެއް ހާލަތްތަކުގައި ބޭސް ނުލިބުމުގެ މައްސަލަ ދިމާވާ ކަމަށާއި އެ ހާލަތު ދިމާވަނީ ސީދާ ވަކި ބްރޭންޑެެއްގެ ބޭސް ބޭނުންވާ ހާލަތުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ބޭސް މި ހުންނަނީ ޖެނެރިކް އަދި ބްރޭންޑްސް. ޑޮކްޓަރުން ބައެއް ފަހަރު ވަކި ސްޕެސިފިކް ބްރޭންޑެއް ލިޔުއްވައިފި ކަމަށްވާ ނަމަ އެ ބޭހެއް ނުލިބުމުގެ ހާލަތްތައް ބައެއް ފަހަރު އާދޭ. މިކަން ހައްލު ކުރުމަށް ވެސް ކުރަންޖެހޭ ކަންތައްކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ވާހަކަ ދަންނަވަން،" އެ މައްސަލައަށް އަވަސް ހައްލެއް ގެނެވޭނެކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެސެންޝިއަލް ޑްރަގް ލިސްޓާއި އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުންނަ ހުރިހާ ބޭހެއް ލިބޭނެކަން ކަށަވަރު ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.
"އަޅުގަނޑުމެންގެ ޑޭޓާތައް ދައްކާ ގޮތުން ކުރީގައި ހުރި ކަންބޮޑުވުންތަކަށް ވުރެ، ކަންބޮޑުވުންތައް ފިލާ މާރަނގަޅު ހިސާބަކަށް މިއަދު ވަނީ އާދެވިފައި. އިރާދަކުރެއްވިއްޔާ މި ގޮންޖެހުމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ދަށުން އިތުރު ބޭސް ލިބޭނެ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ