ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ބަލައި މައްސަލައެއްގައި މުދާ ހިފެހެއްޓުމުގެ އަމުރަކަށް އެދޭތާ ހަތް ދުވަސް ތެރޭ އެ އަމުރާ މެދު ކޯޓުން ގޮތް ނިންމަންޖެހޭ ގޮތަށް 'ގޭންގުތަކުން ހިންގާ ކުށްތަކާ އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޝަރީއަތްކުރުމާބެހޭ ގަވާއިދު' އިއްޔެ އާންމުކޮށްފި އެވެ.
ވީކިހިނެއް؟ - ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހަޅައި ފާސްކުރި 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'އަށް މިދިޔަ އެގޮސްޓުގައި ވަނީ އަމަލުކުރަން ފަށާފަ އެވެ.
ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ހަދާފައިވާ މި ގާނޫނު އޮންނަ ގޮތުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. މިފަދަ ކުށްކުރާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުންނަށް ވެސް ހަރުކަށި އަދަބުތަކެއް މި ގާނޫނުގައި ކަނޑައަޅާފައިވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ވެސް ވަނީ ދީފަ އެވެ.
ތަފްސީލް - މި ގާނޫނާ ގުޅޭ ޝަރީއަތްކުރުމުގެ ގަވާއިދު އިއްޔެ އާންމުކުރުމާ އެކު މި ގަވާއިދަށް ވަނީ އަމަލުކުރަން ފަށާފަ އެވެ. މި ގަވާއިދަކީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން ހަދާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގައި ވަނީ، ގޭންގު ކުށްތަކާ ގުޅޭ މުދަލާއި ފައިސާ ހިފެހެއްޓުމާއި އެ މުދަލުން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރަށް އެދެންޖެހޭ ގޮތްތައް ބަޔާންކޮށްފަ އެވެ. އެގޮތުން:
މުދަލާ ފައިސާ ހިފެެހެއްޓުމާއި އެފަދަ މުދަލަކުން މުއާމަލާތްކުރަން ހުއްޓުވުމުގެ އަމުރަކަށް އެދި ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ އަމުރާ މެދު ގޮތެއް ކަނޑައަޅަންޖެހޭ
ހިފަހައްޓާ މުދަލާއި ފައިސާ ބަލަހައްޓާނެ ގޮތް ކަނޑައަޅާނީ، ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން، ފުލުހުން ހަދާފައިވާ އެފަދަ ކުށްތައް ހުއްޓުވުމުގައި 'ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު'ގައިވާ ގޮތަށް
ގޭންގު ކުށްތަކުގެ ގާނޫނުގައިވާ ގޮތުން، އެފަދަ ކުށްތަކުގައި މުދާ ހިފެހެއްޓުމަށާއި ދައުލަތަށް ނެގުމަށް އެދި ހުށަހަޅަންޖެހޭނީ ހައި ކޯޓަށެވެ. އަދި ގޭންގު ކުށްތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުން، މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ނެރުމާ އެކު، އެ މުދާ ހިފަހައްޓައި އެ މުދާ ބެލެހެއްޓުމަށް ފުލުހުން ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާ އެވެ.
އެގޮތުން:
ދައުލަތަށް ނަގާ މުދަލެއް ވިއްކާލުމާއި ކުއްޔަށް ދިނުމާއި ބޭނުންކުރުން ނުވަތަ މުދާ ނައްތާލުން ފަދަ ކަންކަން ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބޭ
ދައުލަތަށް ނަގާ މުދާ ވިއްކައިލުމަށްފަހު ލިބޭ ފައިސާ ނުވަތަ ދައުލަތަށް ނަގާ ފައިސާ ވަކި ފަންޑަކަށް ޖަމާކޮށްގެން ބެލެހެއްޓިދާނެ؛ ނުވަތަ ޕަބްލިކް ބެންކު އެކައުންޓެއްގައި ވަކިން ރިކޯޑު ބެލެހެއްޓޭ ގޮތަށް ޖަމާކޮށްގެން ވެސް ބެލެހެއްޓިދާނެ
މުއާމަލާތުކުރުން ހުއްޓުވައި ފައިވާ މުދަލެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އަތުވެ، އެ މުދަލަކީ ދައުލަތަށް ނެގޭނެ މުދަލެއް ނޫންކަން ކަނޑައަޅައިފި ނަމަ، އެ މުދަލެއް ވެރިފަރާތަށް ރައްދުކުރަންޖެހޭ
އެ ހާލަތުގައި މުދާ ބެލެހެއްޓި ފަރާތުގެ އިހުމާލުން މުދަލަށް ގެއްލުމެއް ލިިބިފައިވާނަމަ ވެރިފަރާތަށް ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރެވޭނެ
އެ މުދާ ބަލަހައްޓާނެ ގޮތާއި ބޭނުންކުރާނެ ގޮތް ކަނޑައަޅާނީ އެ މިނިސްޓްރީން ހަދާ އުސޫލުތަކެއްގެ ދަށުން، އެކަމަށް ކަނޑައަޅާ ހާއްސަ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ތިބޭނީ ފިނޭންސް މިނިސްޓްރީ، ފުލުހުން، މީރާ، ކަސްޓަމްސް އަދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކަނޑައަޅާ މެންބަރުންނެވެ. މުދާ ބަލަހައްޓާނެ ގޮތް ކަނޑައަޅަން މި ކޮމިޓީއަށް ހުށަހަޅާތާ 10 ދުވަސް ތެރޭ އެކަން ނިންމަންޖެހެ އެވެ.
މީގެ އިތުރުން، އިއްޔެ އާންމުކުރި ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގައި ވަނީ ގޭންގު ކުށްތަކުގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދު ގޮތް ނިންމުމާއި އަމުރު ދޫކުރުމާއި މިފަދަ ކުށްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމާ ގުޅޭ އަމުރުތައް ނެރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފަ އެވެ.
ގަވާއިދު ބުނާ ގޮތުން، އެފަދަ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމާއި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނީ މިހާރު ވެސް އަމަލުކުރަމުން އަންނަ 'ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު'ގެ ދަށުންނެވެ.
ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން، 6 ގަޑިއިރަށް ވުރެ ގިނަ ނުވާނެހެން ކޯޓު އަމުރެއް ނެތި ބަލައި ފާސްކުރުން ކުރިއަށް ގެންދެވެ އެވެ. އަލަށް އާންމުކުރި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައިވަނީ ބަލައި ފާސްކުރުން އެއަށް ވުރެ އިތުރުވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފަ އެވެ. އެގޮތުން:
ބަލައި ފާސްކުރަން ފަށާތާ ހަތަރު ގަޑިއިރުގެ ތެރޭގައި އެފަދަ އަމުރަކަށް އެދި ހުށަހަޅަންޖެހޭނެ
ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ފުލުހުން ހަދަންޖެހޭ ގަވާއިދާއި ޕީޖީ އޮފީހުން ހަދަންޖެހޭ ގަވާއިދު ވެސް މިހާރު ވަނީ ހަދާ އާންމުކޮށްފަ އެވެ.
އެނގުން މުހިންމު - އަލަށް އަމަލުކުރަން ފެށި ގޭންގު ކުށްތަކުގެ ގާނޫނުގައި އޮންނަ ގޮތުން، މިފަދަ ކުށެއް ސާބިތުވާ މީހަކަށް ދޭ އަދަބު މައާފުކޮށްދީ ލުއިކޮށެއް ނުދެވޭނެ އެވެ. އަދި އެފަދަ މައްސަލަތަކުގައި އިއުތިރާފުގެ އެއްބަސްވުމެއް ވެސް ނުހެދޭނެ އެވެ.
މައާފުދީ އަދަބު ލުއިނުކޮށްެ ދެވޭނެ ކުށްތަކުގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ވިޔަސް އަދި ބޭނުންނުކޮށްވިޔަސް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ހިންގާ ފަސް ބާވަތެއްގެ ކުށް ހިމަނާފައިވެ އެވެ. އެއީ:
މީހަކު މަރާލުން
މީހަކާ މެދު ނުރައްކާތެރި މާރާމާރީ ހިންގުން
މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން
ބިރުދެއްކުން
ކިޑްނެޕްކުރުން
މިފަދަ ކުށްތަކަށް އުމުރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތައް ހަރުކަށި އަދަބުތަކެއް ހިމަނާފައިވެ އެވެ.
ގޭންގު ކުށްތަކާ ގުޅޭ މުދާ ހިފަހައްޓަން ހުށަހެޅުމުން 7 ދުވަހުން ގޮތް ނިންމަންޖެހޭ ގޮތަށް ގަވައިދު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ