ކަރަންޓު މައްސަލަ ހައްލުކުރަނިކޮށް ރޯވެ ސްޓެލްކޯ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވެ ސްޓެލްކޯ މުވައްޒަފަކަށް ފަރުވާ ދޭން ފަށައިފިއެވެ. މިއަދު މެންދުރުފަހު 12:00 ހާއިރު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ، ހުޅުމާލެ ބާ އިންޖީނު ގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންވެ މާލެއާއި ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި ކަރަންޓު ކެނޑުނީ ކަމަށް ބުންޏެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރަން ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާ ލިބި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި އަހަރު ތެރޭ މުޅި މާލެއާއި ހުޅުމާލެއިން ދެ ފަހަރެއްގެ މަތިން ކަރަންޓު ކެނޑިފައިވެއެވެ. އެ މައްސަލައިގައި ޚާއްސަ ތަހުގީގެއް ވެސް ފުލުހުންނާއި ސްޓެލްކޯއިން ހިންގިއެވެ. އޭގެ އިތުރުން ވެސް ދޭތެރެއަކުން މާލެއާއި ހުޅުމާލެއިން ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކަރަންޓު ކަނޑައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ