މަޖިލިސް ގޮނޑިތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ހާއްސަކުރަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި މަޖިލިސް ގޮނޑިތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ހާއްސަކުރަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 93 ގޮނޑީގެ ތެރެއިން 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުން ކަމުގައިވީ ނަމަވެސް ވިހިވަނަ މަޖިލީހުގައި ޒުވާނުން ކަމަށް ބަލާ އުމުރުފުރާގައި ހިމެނެނީ އެންމެ 11 ޕަސެންޓު މެންބަރުން ކަމަށް ވިދާޅުވެފަ އެވެ.
ޒުވާނުން ތަމްސީލު ކުރުމުގައި އޮތް ބޮޑު ފަރަގަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި އެއީ މި އިސްލާހު ހުށަހެޅި މައިގަނޑު ސަބަބު ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މީކާއިލް ވިދާޅުވި އެވެ.
"ޒަމާނަށް އަންނަމުންދާ އަވަސް ބަދަލުތަކާއި، ޓެކްނޮލޮޖީ އާއި މުއާސަލާތުގެ ވަސީލަތްތަކާއި ދުނިޔޭގެ ކަންކަމަށް ފުރިހަމައަށް ލޯ ހުޅުވިފައިވާ ބަޔަކީ ޒުވާނުން ކަމަށްވާތީ، މުސްތަގުބަލުގައި ގައުމު ކުރިއަށްގެންދާނެ ޒުވާނުންގެ މުހިންމު ކަންކަން ހަވާލުކުރުމުގެ މަރުހަލާތައް ނިޒާމީ ގޮތެއްގައި ފެށުން،" ބިލު ހުށަހެޅުމުގެ ސަބަބެއްގެ ގޮތުގައި މީކާއިލް ވިދާޅުވި އެވެ.
އެ އިސްލާހުގައި ވާ ގޮތުން ޒުވާނުންނަށް ހާއްސަކުރާ ދާއިރާތައް ކަނޑައަޅަން ޖެހޭ ގޮތް ގާނޫނަކުން ބަޔާން ކުރަން ޖެހެ އެވެ. މީކާއިލްއަކީ މަޖިލީހުގައި ދެވަނަ ދައުރެއް ފުރިހަމަކުރައްވަމުން ގެންދަވާ މެންބަރެކެވެ.
ޒުވާނުންގެ އުމުރުފުރާއަކީ 18 އަހަރުން ފެށިގެން 35 އަހަރުން ދަށުގެ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ