ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ ކުށް އިތުރުވާންޖެހޭ ސަބަބެއް ނޫން: ހެލްތު މިނިސްޓަރު
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން ފަދަ ފިޔަވަޅުތަކަކީ ކުށް އިތުރުވާންޖެހޭ ސަބަބެއްނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ، ބައެއް ބަދަލުތަކުގެ ސަބަބުން ބައެއް ފުރަތަމަކޮޅު އެކި ގޮންޖެހުންތައް ހުންނާނެ ކަމަށެވެ. "ނަމަވެސް އަޅުގަނޑު ނުދެކެން ފަހަރެއްގައި ވެސް ދުންފަތާ ގުޅިގެން އަޅުގަނޑުމެން މި އަޅަމުން ގެންދާ ފިޔަވަޅުތައް އެއީ ކޮންމެހެން މި ކްރައިމްސް އިތުރުވާންޖެހޭ ސަބަބެއް ގޮތުގައި،" މިނިސްޓަރު ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ގައިންގައަށް ނާރާ ބަލިތަކުގެ މައްސަލައަށް އަލިއަޅުވާނުލައި ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުވާނެ ކަމަށް ދެކޭ ދެކުމަކީ ނާތަހުޒީބީ ވިސްނުމެއް ދުނިޔެއިން ދެކޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިއްހީ ސިޔާސަތުތައް އަދުގެ ސަރުކާރުން ބައްޓަންކުރަނީ ގައިންގައަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އަލިއަޅުވާލެވޭ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކަމަށް ނާޒިމް ވިދާޅުވިއެވެ. https://sun.mv/213195 ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށްޓަކައި މީހުންނަށް ރަނގަޅު މައުލޫމާތު ދިނުމަށް މަސައްކަތްކުރާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހުރިހާ ރަށެއްގައި ސެސޭޝަން ކްލިނިކްތައް ގާއިމުކުރެވި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ދުންފަތް ކޮންޓްރޯލްކުރާ ބޯޑާއި ކަމާގުޅުންހުރި އިދާރާތަކުން އޮތީ ފުރިހަމައަށް ތައްޔާރަށެވެ. 'ޖެނެރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް މި ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާކުރާ ބިލު ރައީސް ވަނީ ތަސްދީގުކުރައްވައިފައެވެ. އެހެންކަމުން ޖެނެރޭޝަނަލް ބޭންއަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން ވަނީ މަނާކޮށްފައެވެ. ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައިވަނީ ވެސް އެ ފިޔަވަޅުތަކުގެ ދަށުންނެވެ. https://sun.mv/210096 އެކަމަކު، ދުންފަތާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު، ސިނގިރޭޓުގެ 'ކަޅު ބާޒާރެއް' ވަނީ އުފެދިފައެވެ. ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއާ ހަމައަށް އުފުލުނު ނަމަވެސް، ކަޅު ބާޒާރުގައި އެއަށް ވުރެ މާ އަގުހެޔޮކޮށް 'ވަގަށް' އެތެރެކުރާ ސިނގިރޭޓު އަންނަނީ ވިއްކަމުންނެވެ. އެ ފަހުން ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން، ވޭޕް އެތެރެކުރި މީހެއް އަތުން 72 މިލިއަން ރުފިޔާއާއި ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރި މައްސަލަތަކުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ކަސްޓަމްސްއަށް ދައްކަން ޖެހޭ ކަމަށް، އެ ޚިދުމަތުން މިދިޔަ މަހުގެ ފަހުކޮޅު އާންމުކުރި ހިސާބުތަކުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ