އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ކުޑޫ ހުށަހެޅި މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދިނީ 11 މެންބަރުންނެވެ. ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ 36 މެންބަރުން ވޯޓުން ދިނީ އެ މައްސަލަ ބޭރުކޮށްލުމަށެވެ.
"އާންމު ރައްޔިތުންނަށް ބޭސް ލިބުން އިންތިހާއަށް ދަތިވެފައި މިވަނީ، އާސަންދަ ރިފޯމް ކުރުމުގެ ނަމުގައި، އެއްވެސް ރޭވުންތެރިކަމެއް ނެތި ސަރުކާރުން ނިންމި ނިންމުންތަކެއްގެ ސަބަބުން،" އެ މައްސަލާގައި ބުނެފައިވެ އެވެ.
ބޭސް އެތެރެކުރާ ފަރާތްތަކާ ދެކޮޅަށް މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވުމަށް ފަހު ވެސް ރާއްޖެއަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ކުޑޫގެ މައްސަލާގައި ބުނެފައިވެ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ސަރުކާރުން ފުރަތަމަ އެކަން ދޮގުކުރި އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި ދެއްކެވީ، "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަސްތުގައި ބޭސް ނުގެނެއުމެވެ.
އެ ވާހަކަތަކަށްފަހު ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ މެއި، 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ދުވަހު ވެސް ރައީސް ވަނީ އެކަމުގެ ޒިންމާ ސަރުކާރުން ނެގުމުގެ ބަދަލުގައި ވިޔަފާރިވެރިން ކުށްވެރިކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ބޭސް ގެނައުމުގެ ވާހަކަ އިތުރަށް ދައްކަވަމުން ރައީސް ވަނީ އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަމިއްލަ ވިޔަފާރިތަކުން މަސައްކަތް ކުރަމުންދިޔައީ ވަރަށް ބޮޑު ޕަސެންޓޭޖެއްގެ ފައިދާ ނަގައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މުއިއްޒު ވަނީ ބޭސް އުފައްދަން އާ ކުންފުންޏެއް ވެސް އުފައްދަވާފަ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެން އާންމުންގެ ތެރެއިން ބަޔަކު ބޭސް ސިޓީއަށް ސަލާން ޖަހާ މަންޒަރު ސޯޝަލް މީޑިއާއިން ފެނެ އެވެ.
ބޭސް ސިޓީއަށް ސަލާން ޖެހުން އާންމުވާތީ ކުޑޫ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި ބޭސް ސިޓީއަށް ސަލާން ޖެހުން އާންމުވާތީ ކުޑޫ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ