ބިޑަށް އާންމުކޮށް ހުޅުވާނުލައި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ލޯނު ދެނީ ބޭންކިން ގާނޫނާއި އުސޫލުތަކާ ހިލާފަށް ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެކަން ކުރަނީ އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ނިންމުންތަކުގެ ދަށުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އުމްރާނީ ތަރައްގީއާ ގުޅުންހުރި ނުވަ ދާއިރާއަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިދިޔަ މަހު ފަހުކޮޅު ވަނީ ސޮއިކޮށްފަ އެވެ. އާންމުކޮށް އިއުލާން ނުކޮށް، ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން، 53 އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުތަކުގެ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް އިންވެސްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ދިވެހި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފާސްކޮށްފައިވާ ޕީއެސްއައިޕީ އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް މަޝްރޫއަށް ފައިނޭންސް ލިބޭނެ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު އެކްސްގައި ވިދާޅުވި ގޮތުގައި، ބައެއް އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ ބޭންކުން ފައިސާ ދޫކުރަނީ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކައެއް ނޫނެވެ.
ބޭންކުން ލޯނުދޫކުރަމުން އަންނަނީ އަދި ކުރިއަށް އޮތް ތަނުގައި ލޯނު ދޫކުރަމުން ދާނީ ވެސް، ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތަށް ހަދާފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް، މިނިވަންކަމާ އެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންނެވެ.
"ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަމެވެ،" ސައީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ބީއެމްއެލް އިން ކުރިން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު އެ ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި އަހަރު ތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެ އެވެ.
މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަކީ:
ޓޫރިޒަމް – 8.71 ބިލިއަން ރުފިޔާ
އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ލޯނު ދެނީ ބޯޑުގެ ނިންމުންތަކުގެ ދަށުން: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ