ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް އަންނަ އަހަރު ހުށަހަޅަނީ

ދިވެހި ޙަޟާރަތުގެ ހިރިގަލު ވަޑާމުގެ ފަންނުވެރިކަން ދައްކައިދޭ ހިރިގަލު މިސްކިތްތައް ޔުނެސްކޯއިން ކަނޑައަޅާފައިވާ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ޓަކައި އަންނަ އަހަރު ހުށަހެޅުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެ ކަމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއާ ހުށަހެޅުމަށް ޓަކައި ކުރަންޖެހޭ އިސްތިރާޖީ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ޑޮޒިއާ ހުށަހެޅޭވަރަށް މަސައްކަތްކުރިއަށް ދާ ކަމަށް މި މަސައްކަތްކުރާ ތަރިކައިގެ ދެ އިދާރާއިން މައުލޫމާތުދީފައިވެއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނާގޮތުގައި މި ލިސްޓުގައި ހިމެނުމަށް ފުރަތަމަ ހުށަހެޅީ ފަސް މިސްކިތެކެވެ. އެއީ މާލޭ ހުކުރު މިސްކިތް، ހއ. އިހަވަންދޫ އާސާރީ މިސްކިތް، ރ. މީދޫ ބާ ހުކުރު މިސްކިތް، އދ. ފެންފުށި އާސާރީ މިސްކިތް، އަދި ލ. އިސްދޫ އާސާރީ މިސްކިތް ކަމަށް އެ މަރުކަޒުން ބުންޏެވެ. ހުކުރު މިސްކިތް---- ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި ފަހަރުގެ މަސައްކަތުގައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ނޮމިނޭޝަން ޑޮޒިއާ އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި ބަފާ ޒޯނު ކަނޑައެޅުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ކައުންސިލްތަކާ އެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ އިތުރަށް ބައެއް ރަށްރަށަށް ޒިޔާރަތްކޮށް ހޯދަން ޖެހޭ ބައެއް މަޢުލޫމާތާއި މަސައްކަތުގެ ފަންނީ ހެކިތައް ވެސް އެއްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. މިހާރު މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިރާއްޖޭގެ އަސްލުވަންތަކަމާއި ދިވެހީންގެ ރަށްވެހިކަމުގެ ތާރީޚީ ޙަޤީޤަތްތަކުގެ މައްޗަށް ހިރިގަލުގެ ފަންނުވެރިކަން މާނަކުރެވިގެންނެވެ. ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް އަދި މި މަސައްކަތް ކާމިޔާބު ކުރެވިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ