ބޭސް ނުލިބި ފުރާނައަށް ނުރައްކާވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

އާންމުންނަށް ބޭސް ލިބުން ދަތިވެ، ބޮޑެތި ބަލިބައްޔާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައިގައި ވަނީ ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަ ކަމަށާއި، މީގެ ކުރިން އާސަންދައިން ލިބެމުންދިޔަ ބޭސްތައް ދިނުން އާސަންދައިން ހުއްޓާލިފަހުން ފާމަސީތަކުން އަމިއްލައަށް ގަންނަން ލިބުނު ނަމަވެސް، މިހާރު ބޮޑު އަގުގައި ވެސް އެ ބޭސްތައް ގަންނަން ނުލިބޭ ކަމަށް ރައްޔިތުން ބުނަމުން އަންނަ ކަމަށެވެ. އެގޮތުން، ބޭސް ނެގުމަށް އެތައް ފާމަސީއަށް ރައްޔިތުން ގޮސްގެން ވެސް، ބޭސް ހަމަނުވާކަމާއި، މުހިންމު އެތައް ބޭހެއް އެއްގޮތަކަށް ވެސް ނުލިބޭކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށް ކުޑޫގެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. ބޭސް ލިބުން ދަތިވުމުގެ ސަބަބުން ބޮޑެތި ބަލިބައްޔަށް ފަރުވާކުރާ މީހުންނަށާއި އުމުރުންދުވަސްވީ މީހުންނަށާއި މާބަނޑު މީހުންނަށް ދޭ ޚާއްސަ ބޭސްތައް ހުސްވެފައިވާތާ އެތައް ދުވަހެއް ވެއްޖެކަމުގެ މައުލޫމާތު ލިބެމުން އަންނަކަން ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. https://sun.mv/214301 އާންމުންނަށް ބޭސް ލިބުން ދަތިވެފައިވަނީ އާސަންދަ "ރިފޯމް"ކުރުމުގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ސަރުކާރުން ނިންމި ނިންމުންތަކެއްގެ ސަބަބުން ބޭހުގެ ބާޒާރު ހުސްވެފައިވާތީ ކަމަށް ވެސް އެ މައްސަލައިގައި ބުންޏެވެ. މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން 36 މެންބަރަކު ވަނީ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ބޭސް ފިހާރަތަކުން ބޭސް ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން، މީގެ ތިން ދުވަސް ކުރިން، މޯލްޑިވިއަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލޭގެ މައި ބޭސް ފިހާރަތައް 15 ބޭސް ފިހާރައަކަށް ދިޔަ ނަމަވެސް ބޭސް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި އުފެއްދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު "ސަން"އަށް ކުރިން ވިދާޅުވީ، އެ ކުންފުނީގެ މަސައްކަތްތައް ފަށަން އަދި ތިން މަސް ވަރު ނަގާނެ ކަމަށެވެ. ޝާހު ވިދާޅުވީ، މި ވަގުތު ބޭސް އެތެރެކުރަމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ބޭސް ކުންފުންޏަށް ހުރިހާ މަސައްކަތެއް ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށާއި، މި ވަގުތު ކުރިއަށް ދަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ. https://sun.mv/214174 ޝާހު ވިދާޅުވީ، އެސްޓީއޯ ފަދަ ކުންފުންޏަކުން ގިނަ މަސައްކަތްތަކެއް ކުރާއިރު ބޭސް އެތެރެކުރުމުގެ މަސައްކަތަށް މުޅިން ސަމާލުކަން ނުދެވޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ، ބޭހުގެ މަސައްކަތަށް ވަކި ކުންފުންޏެއް އޮތުމުގެ ސަބަބުން ބޭހުގެ އަގުތައް ރަނގަޅުވެ، ބޭސްތައް ލިބުން ކުރިއަށްވުރެ އަވަސްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ކުންފުނިން ބޭހުގެ އެންމެހާ ކަންކަމާ ހަވާލުވުމުން، ފާމަސީތައް ހިންގުން ވެސް އެ ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ. އެންސްޕާއިން "ސަން"އާ ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި، ބައެއް ހާލަތުގައި ބޭސް ނުލިބެން ދިމާވާ އެކި ސަބަބުތައް ހުރެއެވެ. އޭގެ ތެރެއިން އެއް ސަަބަބަކީ، ޑޮކްޓަރު ލިޔެދޭ ބޭހަކީ ރާއްޖޭގައި ނެތް ބޭހަކަށް ވުމެވެ. ނުވަތަ އެ ބޭހެއް ރާއްޖޭގައި ދަފްތަރުކޮށްފައި ވިޔަސް، ބޭހެއް ލިބެން ނެތުމެވެ. އޭގެ އިތުރަށް، ދަފްތަރުކޮށްފައި، ބޭސް ލިބެން ހުއްޓަސް އާސަންދަ ނުލިބޭ ބޭސްތައް ވެސް އެބަހުރެއެވެ. އަދި، އާސަންދަ ލިސްޓުގައި ހިމެނިފައިވީ ނަމަވެސް ފާމަސީތަކުން ލިބެން ނުހުންނަ ބޭސް ވެސް ހުރެއެވެ. https://sun.mv/213368 ބޭސް ނުލިބުމުގެ މައްސަލައާ ގުޅޭގޮތުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިދިޔަ އާދީއްތަ ދުވަހު "ސަން"އަށް ވިދާޅުވީ، މިހާރު އެކުންފުނިން ދަނީ އެކަންތައް ހައްލުކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތައް ކަމުގައިވާ އެސްޓީއޯ ފާމަސީއާއި އެންސްޕާއާއި ހެލްތު މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ބޭހަށް ޚާއްސަ ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމުކޮށްފައެވެ. އާ ކުންފުންޏެއް އުފެއްދިއިރު، މިކަމުގެ ކަންބޮޑުވުން މީގެ ކުރިން އެކި މީހުން ފާޅުކޮށްފައިވެއެވެ. އެގޮތުން ބޭސް ހޯދަން ލުއިފަސޭހަ ކުރަންކަމަށް ބުނެ ދައުލަތުން އާ ކުންފުންޏެއް އުފެއްދުމުން، އެ ކަން ވާނީ އިތުރު ބޮޑު ޚަރަދަަކަށް ކަމަށާއި، ލިބޭނީ ވެސް އިތުރު އުނދަގޫކަމަށް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ