އެމެރިކާގެ ސުލްހައިގެ ޕްލޭނަށް އެއްބަސްވެވިފައިވާ ކަމަށް ޔޫކްރެއިނުން ބުނެފި

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން އެމެރިކާއާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޔޫކްރެއިނުން އިއްޔެ ބުނެފި އެވެ.
އެ ހުށަހެޅުން ބިނާވެފައި ވަނީ މިދިޔަ ހަފުތާގައި އެމެރިކާ އިން ޔޫކުރެއިނަށް ހުށަހެޅި 28 ނުކުތާގެ ޕްލޭނެއްގެ މައްޗަށެވެ. އެފަދަ އެއްބަސްވުމަކަށް އައީ ހަފުތާ ބަންދުގައި ބޭއްވި މަޝްވަރާތަކުގައި އެމެރިކާ އާއި ޔޫކްރެއިންގެ އޮފިޝަލުން މަސައްކަތްކޮށްގެނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ފަރާތުގެ ފަރާތުން އިތުރު ހިޔާލުތަކާ އެކު އަސްލު ޕްލޭންނަށް އުނިއިތުރު ކަންކަން އެއްކޮށް ވަރަށް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އަންނަ ހަފުތާގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ބައްދަލުކުރެއްވުމަށް އޭނާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފްއަށް އަންގަވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެކްރެޓަރީ ޑޭން ޑްރިސްކޯލް މި ހަފުތާގައި ޔޫކްރެއިންގެ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެ އެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ޓްރަމްޕާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި ހައްސާސު ނުކުތާތަކާ ދޭތެރޭ ވާހަކަ ދެއްކެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ޔޫކްރެއިން ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ބައްދަލުވުމެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އެމެރިކާގެ ފަރާތުން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އިތުރު އެއްބާރުލުމެއް ލިބޭނެ ކަމަށް. ސަބަބަކީ ރަޝިޔާއިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެމެރިކާގެ ބާރަށް ކަމަށްވާތީ،" ޒެލެންސްކީ ވިދާޅުވި އެވެ.
އޭގެ އެއް ދުވަސް ކުރިން ޒެލެންސްކީ ވިދާޅުވީ 28 ނުކުތާގެ ޕްލޭނުގެ ބައެއް މާއްދާތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ ރަޝިޔާގެ ރައީސް ޕޫޓިން އާއި ޒެލެންސްކީ އާއި ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނީ އެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުން ނިމުމަކަށް އައުމުން ނުވަތަ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ބޯޑަރު ކަނޑައެޅުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް އާދެވޭނެ ތާރީހެއް ދެ ފަރާތަށް ވެސް އަދި ދީފައި ނުވާ ކަމަށެވެ. އަދި އޭނާއަށް ޑެޑްލައިނަކީ އެ މައްސަލަ ނިމުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ކްރެމްލިން އިން މީގެ ކުރިން ބުނެފައި ވަނީ އާ އެއްބަސްވުމާ ގުޅޭ ގޮތުން ރަޝިއާއާ މަޝްވަރާ ކޮށްފައި ނުވާ ކަމަށާއި މިދިޔަ ހަފުތާގެ ޕްލޭނަށް ބަދަލު ގެންނަން ބޭނުން ނޫން ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ.
ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ ރަޝިޔާއިން އެމެރިކާގެ ފުރަތަމަ އޮނިގަނޑަށް ތާއީދު ކުރި ނަމަވެސް، އެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި ނަމަ، ހާލަތު ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ.
އެމެރިކާގެ ސުލްހައިގެ މަސައްކަތް ޔޫރަޕުން ފުނޑުފުނޑުކޮށްލާ ކަމަށް ތުހުމަތު ކުރައްވަމުން ލަވްރޯފް ވިދާޅުވީ، އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް ވެސް ކްރެމްލިންއަށް އާ ޕްލޭންގެ ކޮޕީއެއް ލިބިފައި ނުވާ ކަމަށެވެ.
ޑްރިސްކޯލް އާއި ރަޝިއާގެ މަންދޫބުން ހޯމަ އަދި އަންގާރަ ދުވަހު އަބޫދާބީގައި ބައްދަލު ކުރެއްވި ނަމަވެސް، ރަޝިއާގެ ކަންބޮޑުވުންތަކަށް އެމެރިކާގެ އޮފިޝަލުން ފާޅުގައި ޖަވާބެއް ނުދެ އެވެ.
ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހުރި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ބައެއް މައްސަލަތަކަށް އަދި މިހާތަނަށް ހައްލެއް ނުލިބެ އެވެ. އޭގެ ތެރޭގައި ކިއޭވްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ހަނގުރާމަ ހިނގަމުންދާ އިރުމަތީ ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލްގެ މައްސަލަތައް ހިމެނެ އެވެ.
ވައިޓް ހައުސް އިން އުންމީދު ކުރި ނަމަވެސް، ހަތަރު އަހަރަށް ދެމިގެންދާ ހަނގުރާމައަށް ސުލްހަ ގާއިމް ކުރެވިދާނެ ކަމާ މެދު ޔޫރަޕްގެ ލީޑަރުން ޝައްކު އުފައްދަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ