ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ދައުރު ދަންމާލަނީ ބައެއް މަސައްކަތްތައް ނިންމުމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ވޯޓު ގަޑީގައި ވޯޓަށް އެހުމުން ދައުރު ދަންމާލަން 55 މެންބަރުން ވޯޓު ދެއްވި އެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ މަސައްކަތްތައް ބެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ އެކަކުން ފެށިގެނެ މެއި 15، އަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު 15، އަށް ނިމޭއިރު ތިންވަނަ ދައުރު ފަށަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ދުވަހު އެވެ.
ތިންވަނަ ދައުރު ދަންމާލާފައި މިވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ކަމާ ގުޅުން ހުރި ގާނޫނުތަކަށް ގެންނަ ބަދަލުތައް ނިންމުމަށް ކަމަށް ބެލެވެ އެވެ. އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލު އިއްޔެ ފާސްކުރިއިރު ދެ ގާނޫނަކަށް ގެންނަ ބަދަލު އަދި ތަޅުމުން ނިންމާފައި ނުވެ އެވެ.
އެއީ ލޯކަލް ކައުންސިލްތަކުގެ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނެވެ. ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން އެ މަސައްކަތް ނިންމާފައިވާއިރު ދެން އޮންނާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ވޯޓަށް އެހުމެވެ. އެ މަރުހަލާ އަންނަ ހަފްތާގެ ޖަލްސާތަކުގައި ކުރިއަށްގެންދާނެ އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.
އަތޮޅު ކައުންސިލްތައް އުވާލަން މަގުފަހި ކުރަން މަޖިލީހުގެ ތިންވަނަ ދައުރު ދަންމާލައިފި އަތޮޅު ކައުންސިލްތައް އުވާލަން މަގުފަހި ކުރަން މަޖިލީހުގެ ތިންވަނަ ދައުރު ދަންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ