ރޮނާލްޑޯގެ ސަސްޕެންޝަނަށް ލުޔެއް، ވޯލްޑްކަޕުގެ ފުރަތަމަ މެޗުން ފެނިދާނެ

ކްރިސްޓިއާނޯ ރޮނާލްޑޯގެ އަދަބު ލުއިކޮށްދޭން ނިންމުމާއެކު ވޯލްޑްކަޕުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި ކުޅުމުގެ ފުރުސަތު އޭނާއަށް ލިބިއްޖެއެވެ. ފީފާ ވޯލްޑްކަޕް ކޮލިފައިންގައި އަޔަލެންޑާ ދެކޮޅަށް ކުޅޫނު މެޗުގައި ދެއްކި ރަތްކާޑާއެކު ބޮޑު ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހޭނެކަމަށް އޭރު ބެލެވުނެވެ. އެގޮތުން ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާނެކަމަށް ބެލެވުނު ނަމަވެސް ފީފާއިން ވަނީ ފަހުން އެ ނިންމުން އެއް މެޗުގެ ސަސްޕެންޝަނަކަށް ބަދަލުކޮށްފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުުޅުންތެރިޔާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދި ކުޅުންތެރިޔާއަށް ރަތްކާޑު ދެއްކީ އަޔަލެންޑު އަތުން 2-0 އިން ޕޯޗުގަލް ބަލިވި މެޗުގެ 61 ވަނަ މިނިޓުގައި އަޔަލެންޑުގެ ޑަރަ އޯޝެއާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ވީއޭއާރު ބެލުމަށްފަހު އޭނާއަށް ރަތްކާޑު ދެއްކިއިރު، މިއީ ރޮނާލްޑޯގެ ކެރިއަރުގައި ސީދާ ރަތެއް ދެއްކި ފުރަތަމަ ފަހަރެވެ. އެއާއެކު ވޯލްޑްކަޕަށް ޕޯޗުގަލް ކޮލިފައިވި މެޗުގެ ފުރުސަތު ރޮނާލްޑޯއަށް ގެއްލުނެވެ. އެއީ އަރުމީނިއާ އަތުން 9-1 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި މެޗެވެ. އެއާއެކު އެއް މެޗުގެ ސަސްޕެންޝަން ނިމުނީއެވެ. އުފާވެރި ހަބަރަކީ ކުރިއަށްހުރި މެޗުތަކުގައި ރޮނާލްޑޯއަށް އަނެއްކާވެސް ކުޅުމުގެ ފުރުސަތު އޮތުމެވެ. އެމެރިކާ އާއި މެކްސިކޯގައި ބާއްވަން ތައްޔާރުވާ ފީފާ ވޯލްޑްކަޕަށް ޕޯޗުގަލް ކޮލިފައިވެފައިވާއިރު، މި މުބާރާތުގައި ރޮނާލްޑޯ ކުޅެފިނަމަ ވާނީ އޭނާގެ ހަވަނަ ވޯލްޑް ކަޕަށެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ހުރީ މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ ގޮތަށެވެ. އަދި މުބާރާތަށްފަހު ބައިނަލްއަޤްވާމީ ފުޓުބޯޅައިން ރިޓަޔާކުރާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ