މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ކަންކަން ކުރަމުން އަންނަކަން ދައްކަން މަޝްރޫއުތަކުގެ އެެއްބަސްވުންތަކުގައި ސޮއިކޮށް ބިންގާ އެޅުން ކަމަށާއި އެކަމަކު ރައްޔިތުން ބަލަން ބޭނުން ވަނީ އަމަލީ ގޮތުން ކަންކަން ވާ ތަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކުގެ ދަށުން އުފަން ސިޓީ، ފުވައްމުލަކުގެ ކެމްޕޭން ހަރަކާތްތަކާ ގުޅޭ ގޮތުން އެ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މީޑިއާތަކަށް ފައިސަލް ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާ ތަން ފެނުން ކަމަށެވެ.
"ބިންގާ އެޅުން. އެއްބަސްވުމުގައި ސޮއިކުރުން. މިއެއް ނޫން ރައްޔިތުން ބޭނުންވާ ކަމަކީ. ރައްޔިތުން ބޭނުން ވަނީ މަގު ތާރު އެޅިގެން ދިޔުން. ރައްޔިތުން ބޭނުންވަނީ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިމިގެންދިޔުން،" އެ މަނިކުފާނު ވިދާޅުވ އެވެ. "ރައްޔިތުން ބޭނުން ވަނީ ރައްޔިތުންނަށް އެތައް ދުވަހެއް ވަންދެން އިންތިޒާރުގަ ތިބި ކަންތައްތައް ކުރިމަތިން ވެގެންދާ މަންޒަރު ފެނުން."
ފައިސަލް ވިދަޅުވި ގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގު ހެދުމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި ހިންގި އެންމެ ބޮޑު ދެ މަޝްރޫއެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގީ ވެސް އެ ސިޓީގައި ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅިވީ އެމްޑީޕީގެ ސަރުކާރުގައި ފުވައްމުލަކުގައި ގާތްގަނޑަކަށް 32 ކިލޯމީޓަރުގެ މަގުތަކެއް ތަރައްގީކޮށް، ތާރުއަޅައި ނިންމި ކަމަށެވެ. ނަމަވެސް، އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި މި ސަރުކާރު އައި ފަހުން މިވީ ދެ އަހަރު ހުއްޓިފައިވާ ކަމމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ކޮވިޑުގެ އެންމެ އުނދަގޫ ދުވަސްވަރު ވެސް އަޅުގަނޑު މަސައްކަތް ހުއްޓާނުލާ. އެވަގުތު ވެސް ސަރުކާރުން ދިޔައީ މުޅި ރާއްޖޭގައި ވެސް މަސައްކަތްތައް ކުރިއަށް ގެންދަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ. "ފުވައްމުލަކުގެ މި ބޮޑު މަސައްކަތް ވެސް އެ ދަތި އުނދަގޫ ދުވަސްވަރު ކުރެވިގެން ދިޔައީ."
ފައިސަލް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަނެ އެވެ.
ރައްޔިތުން ބޭނުން ވަނީ ކަންކަންވާ ތަން ފެންނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ