މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތުމުގެ ތުހުމަތުގައި މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ. ލަންކާ މީހެއްގެ ރަން ފަށެއް ފޭރިގަތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ހއ. ދިއްދޫ، ޝަރުމީމަންޒިލް މުހައްމަދު އަރީފެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހައިފައެވެ. އަރީފުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާވަނީ ރަން ފަށެއް ފޭރިފައެއް ނުވާނެ ކަމަށް ބުނެފައެވެ. އޭނާއަކީ ގިނަ އަދަދަކަށް ކުށުގެ ރިކޯޑް އޮންނަ މީހެއްކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުގެ ރިކޯޑްތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުރިން ހުކުމެއް އިއްވާފައިވެއެވެ. އެއީ ކެނެބިސް ބޭނުންކުރުމުގެ މައްސަލައެއްގައި 2022 ވަނަ އަހަރު އިއްވި ތިން އަހަރުގެ ހުކުމެކެވެ. އޭގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއްގައި އޭނާ ކުރިން ހައްޔަރުކޮށްފައިވާކަން ވެސް ކްރިމިނަލް ކޯޓުގެ ރިކޯޑްތަކުން ދައްކައެވެ. އަދި، މިދިޔަ އަހަރުގެ ތެރޭގައި ޖިނާއީ މައްސަލައަކާ ގުޅިގެން އަރީފު ހޯދުމަށް ފުލުހުންވަނީ ފޮޓޯއާ އެކު އާއްމުވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ