ފެރީތަކަށް އެސްޓީއޯއިން ކުރީގެ ރޭޓުގައި ތެޔޮ ވިއްކަނީ

ރަށްރަށަށް ލޯންޗު ފެރީއާއި ދޯނި ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށް އެސްޓީއޯއިން މިރޭ ބުނެފި އެވެ.
ވީކިހިނެއް؟ - މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މަތިވެފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ޖެހޭ ހަރަދު ބޮޑުވެ، އެސްޓީއޯއިން އަތޮޅުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ވަނީ ބޮޑުކޮށްފަ އެވެ.
މީގެ ސަބަބުން ތެލަށް ކުރަން ޖެހޭ ހަރަދު އެންމެ ބޮޑުވާނެ އެއް ބަޔަކީ ލޯންޗު ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ. ލޯންޗު ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިދިޔަ ހަފުތާ ވެސް އަގުބޮޑުކުރުމަށްފަހު މިއަދު އަނެއްކާ އިތުރަށް އަގުބޮޑުކޮށްފައިވެ އެވެ.
ތަފްސީލް - މައުލޫމާތު ލިބިފައިވާ ބައެއް އަތޮޅުތަކަށް ކުރާ ދަތުރުގެ އަގަށް އައިސްފައިވާ ބަދަލަކީ:
ބ. އަތޮޅު - މިހާރު 900ރ.؛ ކުރިން 600ރ.
ޅ. އަތޮޅު - މިހާރު 850ރ.؛ ކުރިން 500ރ.
ކ. އަތޮޅު - މިހާރު 150ރ. އާއި 200ރ. އާ ދެމެދު؛ ކުރިން 70ރ. އާއި 100ރ. އާ ދެމެދު
އއ. ތޮއްޑޫ، ރަސްދޫ - މިހާރު 400ރ.؛ ކުރިން 250ރ.
އދ. އަތޮޅު - މިހާރު 650ރ.؛ ކުރިން 400ރ.
މ. އަތޮޅު - މިހާރު 1200ރ.؛ ކުރިން 700ރ.
ތ. އަތޮޅު - މިހާރު 1300ރ.؛ ކުރިން 800ރ.
މިކަމާ ގުޅިގެން އެސްޓީއޯއިން މިރޭ ބުނީ ޕަބްލިކް ފެރީއާއި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެސްޓީއޯއިން ގަނެގެން ރަށްރަށުގައި ހުރި ޝެޑްތަކަށް ވެސް ކުރީގެ ރޭޓުގައި ޕެޓްރޯލާއި ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ.
މީގެ އިތުރުން މަސްވެރިންނަށް ވެސް ފަހި ހަކަތަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްކުރެވިފައިވާ ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
"މި ބަދަލުތައް މި ގެނެވުނީ އާންމުންނަށް މާލީ ގޮތުން ބުރައަކަށް ނުވާނެ ގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް،" އެ ތަނުން ބުންޏެވެ.
އެނގުން މުހިންމު - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ރާއްޖޭގެ ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު ވެސް ވިދާޅުވެފައިވެ އެވެ. އެ ގޮތުން، އެސްޓީއޯއަށް ލިބޭނެކަމަށް ބެލެވޭ ފައިދާއިން ބައެއް ހިމަނައިގެން ތެލުގެ ސަބްސިޑީ އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ