ކޭމްޕް ނޯގައި އަލުން ކުޅެން ފަށައި ބާސެލޯނާއަށް މުހިންމު މޮޅެއް

ބާސެލޯނާގެ އަމިއްލަ ދަނޑު، ކޭމްޕް ނޯގައި، މެޗެއް ނުކުޅޭތާ ދެ އަހަރަށް ފަހު ރޭ އަލުން ދަނޑަށް އަރައި، އެތުލެޓިކް ކްލަބް 4-0 އިން ބަލިކޮށް ލަލީގާގެ ތާވަލްގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފި އެވެ.
ކޭމްޕް ނޯ ބަންދުކުރީ 105،000 މީހުންނަށް ވަދެވޭ ވަރަށް ސްޓޭޑިއަމް ބޮޑުކުރުމަށެވެ. އެ މަސައްކަތް ނިންމައި ހުޅުވަން ކުރިން ރާވާފައި އޮތީ މިދިއަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް މާލީ ދަތިތަކަކާ ކުރިމަތިވެފައި އޮތް ބާސެލޯނާއަށް އެކަން ނިންމައެއް ނުލެވުނެވެ.
ރޭ އަލުން ދަނޑަށް ނުކުތީ ކުޅިބަލާ މީހުންނަށް ދަނޑުގެ ބޮޑު ބައެއް ބަންދުކޮށްފަ އެވެ. އެހެންވެ ރޭ ދަނޑަށް ވަދެވުނީ 45،000 މީހުންނަށެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ މިހާރު ވަނީ 31 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތާވަލްގެ އެއް ވަނައަށް ޖެހިލައިފަ އެވެ. ނަމަވެސް އެއީ ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މިރޭ ދަންވަރު އޮންނަ ރެއާލްގެ މެޗުން މޮޅުވެއްޖެ ނަމަ އަނެއްކާވެސް ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.
ކޭމްޕް ނޯއަށް މިހާރު ކިޔަނީ ސްޕޮޓިފައި ކޭމްޕް ނޯ އެވެ.
މަރާމާތަށް ބަންދުކުރި ފަހުން ބާސެލޯނާގެ މެޗުތައް އާންމުކޮށް ކުޅެމުން އަންނަނީ 55،000 މީހުންގެ ޖާގައިގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.
ކޭމްޕް ނޯގައި އަލުން މެޗު ކުޅެން ހުއްދަ ނުލިބުމުގެ ސަބަބުން ދެ މެޗެއް ވަނީ އެންމެ 6،000 މީހުންގެ ޖާގައިގެ ޖޯހަން ކްރައިފް ސްޓޭޑިއަމްގައި ވެސް ކުޅެފަ އެވެ. އެއީ ބާސެލޯނާގެ އަންހެން ޓީމަށް ހާއްސަ ދަނޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ