ފުވައްމުލައް ސިޓީގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ހަވީރުން ފެށިގެން އެ އެއާޕޯޓު ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާހިމް ހުސެއިން ވިދާޅުވީ ފުވައްމުލަކުގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަށް އަލުން ފެށުމަށްޓަކައި އައްޑޫއިން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފުވައްމުލަކަށް ދަތުރުތައް ބާއްވަނީ ހަމައެކަނި ގައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ދެ ދަތުރު ބާއްވަ އެވެ.
މޯލްޑިވިއަނުން ބުނީ ފުވައްމުލަކުގެ އެއާޕޯޓް ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން، ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް ގުޅައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ އެއާލައިންގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މޯލްޑިވިއަނުން ވަނީ އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ އެއާލައިންގެ ކޯލް ސެންޓަރު 1671 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެދިފަ އެވެ.
ފުވައްމުލަކު އެއާޕޯޓަކީ އައްޑޫގައި 2011 ގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ހުޅުވި އެއާޕޯޓެކެވެ. އެ އެއާޕޯޓް ތަރައްގީކުރީ އެސްޓީއޯއިންނެވެ.
އައްޑޫން ފުވައްމުލަކަށް ފަޔާ ޓްރަކެއް ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ