ނޮވެމްބަރު މަހު އޮންނަ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރުމުގެ ކުރިން ރާއްޖޭގައި ތަމްރީން ކޭމްޕެއް ބާއްވައިދިނުމަށް ފަލަސްތީނުން ރަސްމީކޮށް އެދިއްޖެ އެވެ.
އެފްއޭއެމުން ބުނީ ފަލަސްތީނުގެ އެ އެދުމާ އެއްގޮތަށް އެކަން ކުރުމަށްޓަކައި ސަރުކާރުގެ އެހީއަށް އެދެން މިދިއަ އާދިއްތަދުވަހު އޮތް އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ.
ފަލަސްތީނާއި ދިވެހިންނާ ދެމެދު އޮތީ ވަރަށް ގާތް، ވަރަށް ބަދަހި ގުޅުމެކެވެ. އިޒްރޭލްގެ އަނިޔާވެރިކަމާ ކުރިމަތިލައި، ލޭ އޮހޮރުވުން ބޮޑު ކޮންމެ ހާދިސާއަކާ އެކު އެ ގުޅުން އިތުރަށް ފުޅާވެ، ދިވެހިންގެ ދީލަތި އަތްތައް ވެސް ހުޅުވައިލަ އެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއި ރާއްޖޭގެ އެ އުމުރު ފުރައިގެ ގައުމީ ޓީމު ވެސް އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރެ އެވެ. އެކަމަކު ދެ ޓީމު ހިމެނެނީ ދެ ގްރޫޕެއްގަ އެވެ. އެގޮތުން:
ގްރޫޕް ޑީ
އީރާން، އިންޑިއާ، ފަލަސްތީން، ޓައިޕޭ، ލުބުނާން
ގްރޫޕް އެފް
ރާއްޖެ، ތައިލެންޑް، ކުވޭތު، ތުރުކެމިނިސްތާން، މޮންގޯލިއާ
ފަލަސްތީން ހިމެނޭ ގްރޫޕްގެ މެޗުތައް އޮންނާނީ އިންޑިއާގަ އެވެ. އެހެންކަމުން އިންޑިއާއާ ކައިރި ގައުމެއްގައި ތަމްރީން ކޭމްޕް ޖަހަން ފަލަސްތީނުން ބޭނުންވަނީ އެވެ. އެފްއޭއެމުން ބުނީ ފަލަސްތީނުން އެދިފައި ވަނީ 8-19 ނޮވެމްބަރުގައި ރާއްޖޭގައި ކޭމްޕްކުރާށެވެ.
އެ މުއްދަތުގެ ތެރޭގައި ރާއްޖެ އާއި ފަލަސްތީނާ ދެމެދު ދެ މެޗު ކުޅެން ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ކޮލިފިކޭޝަން މެޗުތައް ފަށާނީ 22 ނޮވެމްބަރުގަ އެވެ. ރާއްޖޭގެ މެޗުތައް އޮންނާނީ ތައިލެންޑްގަ އެވެ.
ހަތް ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކޮލިފިކޭޝަންގައި 2026ގެ އޭޝިއަން ކަޕަށް ކޮލިފައި ވާނީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ޓީމެވެ. އެ ޓީމުތަކާ އެކު މުބާރާތަށް ދެން ނުކުންނާނީ ގަތަރުގައި މި އަހަރު އޮންނަ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އޭޝިއާއިން ވާދަކުރާ ނުވަ ގައުމެވެ. އެއީ ގަތަރު، އުޒުބަކިސްތާން، ސައުދީ އަރަބިޔާ، ޖަޕާން، ސައުތު ކޮރެޔާ، ނޯތު ކޮރެޔާ، ތަޖިކިސްތާން، ޔޫއޭއީ އަދި އިންޑޮނީޝިއާ އެވެ.
ފަލަސްތީންގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގެ އެހީއަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ