ހަނިމާދޫ އެއާޕޯޓު ޓާމިނަލް ބޭނުންކުރަން ފަށައިފި
ހދ. ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރަމުން އަންނަ އާ ޕެސެންޖާ ޓާމިނަލް ބޭނުންކުރަން އިއްޔެ ފަށައިފި އެވެ.އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގަ އެވެ. އެމަނިކުފާނުގެ ދައުރު ހަމަވިއިރު އެއާޕޯޓުގެ ބޮޑު ބައެއް އޮތީ ނިންމާފަ އެވެ.އެ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާ ވީހާވެސް އަވަހަށް އެއާޕޯޓު ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެތަނުގެ އާ ޓާމިނަލް ބޭނުންކުރަން ފެށީ އިއްޔެ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އޮގަސްޓު މަހު ހަނިމާދުއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަމާޒަކީ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓު އެއްކޮށް ނިންމައި، ހުޅުވުން ކަމަށް ވިދާޅުވެފައެވެ.މި މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެވެ.މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރަން އޮތީ ނިންމައިފައެވެ. އަދި، 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް ކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ