ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ފޯކައިދޫ 2 މީހުން ހައްޔަރުކޮށްފި

ތިލަފުށީ ފަޅުން ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ. ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ، ށ. ފޯކައިދޫ, ޗަނބޭލީގޭ، ހަސަން ރަޝީދު އަހްމަދު އަދި ށ. ފޯކައިދޫ، ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހެވެ. މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސްވަނީ ފަސް ދުވަސް ޖަހާފައެވެ. ދެ މީހުން ވެސް ބަންދު މަޖިލީހަށް ހާޒިރުކޮށްފައިވަނީ މިއަދެވެ. މި ދެ މީހުންގެ ތެރެއިން ހަސަން ރަޝީދު އަހްމަދުގެ އުމުރަކީ 30 އަހަރެވެ. އަދި އިބްރާހީމް މަމްދޫހުގެ އުމުރަކީ 27 އަހަރެވެ. މި ދެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގުމަށް ފަހު އެ ލޯންޗަށް ގެއްލުންދީ އަދި ލޯންޗުގެ އިންޖީނުގެ ގިއަރެއް ވަގަށް ނެގި ކަމަށް ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެއެވެ. ދެ މީހުންވެސްވަނީ ބަންދު މަޖިލީހުގައި އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް އިއުތިރާފުވެފައިކަން، ބަންދު ރިޕޯޓުގައި ގާޒީ ސަފްއަތު ހަބީބުވަނީ ފާހަގަ ކުރައްވާފައެވެ. ބަންދު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި މި ދެ މީހުން ވެސް ކުށަށް އިއުތިރާފުވެފައިވާތީ، ތަހުގީގު މަރުހަލާގައި ވެސް އިއުތިރާފު އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު އެ މީހުންނަށް އޮތްކަންވަނީ އަންގާފައެވެ. މި ދެ މީހުން ކުރެ މީހެއްގެ ބަންދު ރެކޯޑެއް ކުރިން އޮތް ކަމެއް އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ