ސޯރާ 2 އިން އުފެއްދޭ އޭއައި ވީޑިއޯގެ ދިގުމިން އިތުރުކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި މަޝްހޫރު ކުންފުނި އޯޕަންއޭއައި އިން އެ ކުންފުނީގެ ވީޑިއޯ އުފައްދާ މޮޑެލް، ސޯރާ 2 އިން އުފެއްދޭ ވީޑިއޯގެ ދިގުމިން އިތުރުކޮށް ބޮޑު އަޕްޑޭޓޭއް ނެރެފިއެވެ. މި އަޕްޑޭޓްތަކާއެކު، ސޯރާ-2 ބޭނުންކޮށްގެން އޭއައި ވީޑިއޯ އުފެއްދުމުގެ ފުރުސަތު އިތުރުވެ، ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ކުރިން ސޯރާ 2 ބޭނުންކުރެވޭނީ ހަމައެކަނި އައިފޯން ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އީޖާދުކޮށްފައިވާ ސޯރާ އެޕް މެދުވެރިކޮށެވެ. އެހެންނަމަވެސް، މިހާރު ވެބްސައިޓް މެދުވެރިކޮށްވެސް އޭއައި ވީޑިއޯ އުފެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް، މި ހިދުމަތް ބޭނުންކުރުމަށް އަދިވެސް އިންވައިޓް ކޯޑެއް ބޭނުންވާނެއެވެ. ޗެޓްޖީޕީޓީ ޕްލަސް އަދި ޕްރޯ ބޭނުންކުރާ ފަރާތްތަކަށް، ކުރީގެ ސޯރާ އޭއައި މޮޑެލް އިންވައިޓް ކޯޑަކާ ނުލައި ބޭނުންކުރެވޭނެއެވެ. ސޯރާ 2 ގެ މި އަޕްޑޭޓްގައި އެންމެ ބޮޑު އެއް ބަދަލަކީ ވީޑިއޯގެ ދިގުމިން އިތުރުކުރުމެވެ. ކުރިން 10 ސިކުންތަށް ވީޑިއޯގެ ދިގުމިން ހިފެހެއްޓިފައި ހުރިއިރު، މިހާރު ކޮންމެ ޔޫޒަރަކަށްވެސް 15 ސިކުންތުގެ ވީޑިއޯ އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޗެޓްޖީޕީޓީ ޕްރޯ ސަބްސްކްރިޕްޝަން ނަގާފައިވާ ފަރާތްތަކަށް 25 ސިކުންތުގެ ދިގު ވީޑިއޯތައް އުފެއްދުމުގެ ގާބިލިއްޔަތު ލިބިގެންދާނެއެވެ. ސަބްސްކްރައިބް އެކައުންޓްތަކަށް ސޯރާ 2 ގައި ލިބޭ ފުރުޞަތު ބޮޑުވާނެ --- މީގެ އިތުރުން، ޗެޓްޖީޕީޓީ ޕްރޯ ބޭނުންކުރާ ފަރާތްތަކަށް ސޯރާ ސްޓޯރީބޯޑް ވެބްސައިޓް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ. މިއީ ވީޑިއޯ އެޑިޓްކުރުމަށް ހާއްސަކޮށްފައިވާ ވަސީލަތެކެވެ. މި ސްޓޯރީބޯޑް ބޭނުންކޮށްގެން ވީޑިއޯއަށް ރެފަރެންސް އިމޭޖްތައް އިތުރުކުރުމާއި، ވީޑިއޯ ރިޒޮލިއުޝަން އަދި އެސްޕެކްޓް ރޭޝިއޯ ބަދަލުކުރުމުގެ އިތުރުން، ވީޑިއޯގެ ދިގުމިން ކޮންޓްރޯލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި، ވީޑިއޯގެ ތަފާތު ފްރޭމްތަކަށް ވަކިވަކިން ޓެކްސްޓް ޕްރޮމްޕްޓް ދީގެން އޭއައި މޮޑެލްއަށް އިރުޝާދު ދިނުމުގެ ގާބިލިއްޔަތުވެސް ވަނީ އިތުރުކޮށްފައެވެ. މި އަޕްޑޭޓްތަކާއެކު، އޯޕަންއޭއައި އިން އޭއައި ވީޑިއޯ އުފެއްދުމުގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ހޯދައި، ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ހާމަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ