އޭސީސީ އާއި އޮޑިޓަ ޖެނެރަލް ހުރުމުގެ ބޭނުމެއް ނެތް: ޔާމީން އޭސީސީ އާއި އޮޑިޓަ ޖެނެރަލް ހުރުމުގެ ބޭނުމެއް ނެތް: ޔާމީން

ހިޔާނާތާއި ވައްކަން އިތުރުވުމާއި އެ ކުށްތަކުން ދައުލަތަށް ގެއްލިގެންދާ ފައިސާ ނުހޯދޭތީވެ އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަ ޖެނެރަލް ހުރުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އޮޑިޓަ ޖެނެރަލް އަންނަ އަހަރަށް އެދިވަޑައިގެންނެވި ވަރަށް ބަޖެޓު ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ކަމަށާއި ނަމަވެސް ދައުލަތަށް ގެއްލިގެން ދިޔަ ފައިސާއެއް އޭނާއަށް ބައިތުލްމާލަށް އިތުރުކޮށް ދެވިފައި ނެތް ކަމަށެވެ.
"އޮޑިޓަ ޖެނެރަލްގެ މަސައްކަތުން ސަރުކާރަށް، ސަރުކާރުގެ އާމްދަނީ އަށް ބައިތުލްމާލަށް އެންމެ ލާރިއެއް ވެސް ވެއްދިއްޖެހެއްޔޭ، ނުވެއްދޭ. ދެން ކީއްކުރަންތޯ އޭނާއަށް 134 މިލިއަން ދޭންވީ. އެންމެ ލާރިއެއް ނުވެއްދުނު ދެއަހަރުތެރޭގައި. އެހެންވީމަ އެ އޮފިސް ބަންދުކުރީމަ މާރަނގަޅު. އޭރުން 134 މިލިއަން ރުފިޔާ ދައުލަތުގެ ފައިދާއަށް އޮންނާނެ،" ޔާމީން ވިދާޅުވި އެވެ.
"ކީއްކުރާ މީހެއްތޯ އޮޑިޓަ ޖެނެރަލަކީ."
ބީލަމަކަށް ނުލައި މަޝްރޫއުތައް ސަރުކާރުން ދެވޭ ގޮތް އިތުރަށް ފަސޭހަކުރަން ނިންމާފައި ވާއިރު، އެކަން ކުރަނީ "ހިތުހުރި ބަޔަކަށް [މަޝްރޫއުތައް] ދޭން ވެގެން" ކަމަށް ޔާމީން ވިދާޅުވި އެވެ.
"ކެބިނެޓުން އެ ނިންމީ ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް އެއްގޮތަކަށް ވެސް ބީލަމަކަށް ނުލައި ހިތުހުރި ބަޔަކަށް ދެވޭނެ ކަމަކަށް. އޭސީސީ ބަންދުކުރަންވީ ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.
"މިތާ މިއޮތީ ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސިޔާސަތެއް ނޫން. ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ޕޮލިސީ އޮތީ."
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ހުރިއިރު، އެ މައްސަލަތައް ބަލާކަން އަދި އެކަމުގެ ހާއްސަ އޮޑިޓުތަކެއް ހަދާކަން މި ދެ މުއައްސަސާއިން ވެސް ހާމައެއް ނުކުރެ އެވެ. ކުރިން ބަލަމުން ދިޔަ މައްސަލަތައް މަޑުޖައްސާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ