ބާސެލޯނާ ފަހު ވަގުތު ލަނޑު ޖަހައި މޮޅުވިއިރު ފްލިކަށް ރަތެއް ދައްކައި ކްލަސިކޯ ގެއްލިއްޖެ ބާސެލޯނާ ފަހު ވަގުތު ލަނޑު ޖަހައި މޮޅުވިއިރު ފްލިކަށް ރަތެއް ދައްކައި ކްލަސިކޯ ގެއްލިއްޖެ

ބާސެލޯނާ (އޮކްޓޫބަރު 18) - ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން ފަހަތުން އަރައި، ފަހު ވަގުތު 2-1 އިން ޖިރޯނާ އަތުން މޮޅުވިއިރު، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަށް ދެއްކި ރަތް ކާޑާ އެކު، އަންނަ ހަފްތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ކްލަސިކޯ މެޗު ގެއްލިއްޖެ އެވެ.
އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ބާސެލޯނާ ކުޅުނު ފަހު ދެ މެޗަށް ބަލާއިރު، ޗެމްޕިއަންސް ލީގުގައި 2-1 އިން ޕީއެސްޖީ އަތުން ބަލިވިއިރު، ސްޕެނިޝް ލީގުގައި ސެވިއްޔާ އަތުން ވަނީ 4-1 އިން ބަލިވެފަ އެވެ. އެހެންވެ، އިންޓަނޭޝަނަލް ބްރޭކަށް ފަހު ފުރަތަމަ މެޗުން މޮޅުވާން އެ ޓީމުން އޮތީ ވަރަށް ބޭނުންވެފަ އެވެ.
އެ ގޮތުން، އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން 13 ވަނަ މިނިޓްގައި ލީޑުނެގީ ލަމީން ޔަމާލް ދިން ބޯޅައަކުން ޕެޑްރީ ގޮންޒާލޭޒް ޖެހި ގޯލުންނެވެ. އެކަމަކު، އޭގެ ހަތް މިނިޓް ފަހުން، ޖިރޯނާގެ ބެލްޖިއަމް މިޑްފީލްޑަރު، އެކްސަލް ވިޓްސަލް ވަނީ ގޯލު ޖަހައި، ޖިރޯނާ އަށް އެއްވަރުކޮށްދީފަ އެވެ.
އަލުން ގޯލެއް ޖަހައި މެޗުން މޮޅުވާން ކުރި މަސައްކަތުގައި، ބާސެލޯނާ އަށް ހިތްހަމަޖެހުމެއް ލިބުނީ، 82 ވަނަ މިނިޓްގައި ބަދަލަކަށް އެރި ޑިފެންޑަރު، ރޮނާލްޑް އަރައުހޯ، ފޯވާޑަކަށް ކުޅެ، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މިއީ، ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން އަރައުހޯ ޖެހި ގޯލެކެވެ.
މެޗަށް ފަހު ފްލިކް ބުނީ، އަރައުހޯ، ފޯވާޑަކަށް ކުޅެން އެރުވީ، އެ މަގާމަށް ކުޅެވޭނެ ކަމުގެ ޔަގީންކަމާއި ގޯލެއް ޖެހޭނެ ކަމަށް ވެސް ބުނުމުން ކަމަށެވެ. އަދި، މިއީ ކުޅުންތެރިން އަމިއްލަ ނަފްސަށް ކުރާ އިތުބާރުން ހޯދުނު މޮޅެއް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.
އަރައުހޯގެ ގޯލުގެ ކުރިން ފްލިކަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ.
މި މޮޅާ އެކު، ބާސެލޯނާ އިން އެއް ވަަނައިގައި އޮތީ ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ އަށް މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. މި ހަފްތާގައި ރެއާލް ކުޅޭ މެޗުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ