ނިމިދިޔަ، ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، އިސްވެ ހުންނަވައި ފެށި، "އަރުތަ" ޕްރޮގްރާމް ހިންގުމަށް ގަވާއިދެއް އެކުލަވާލައި، އެ ޕްރޮގްރާމްގެ ކަންކަން ރަނގަޅަށް ހިންގުމަށް ކޮމިޓީއެއް އެކުލަވާލުމަށް  ނިންމައިފި އެވެ. 
މިދިޔަ ސަރުކާރުން، 30 މާޗް 2023 ވަނަ ދުވަހު، "އަރުތަ" ސްކޮލަޝިޕް ޕްރޮގްރާމްގެ ނަމުގައި، އެތުލީޓުންނަށް ފުުރުސަތު ހޯދައިދޭން، އާ ކަމެއް ފެށިއިރު، އުސޫލެއް އާންމުކުރި އެވެ. "އަރުތަ" ޕްރޮގްރާމް އަކީ ރަނގަޅު އުސޫލެއް ނެތި ފެށިފައިވާ ކަމެއް ކަމަށާއި، އެކަން ރިވިއު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން މިދިޔަ އަހަރުގެ ކުރީކޮޅުގައި ބުނެފައިވެ އެވެ. 
ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމްގެ ދަށުން އެތުލީޓުންގެ ތަމްރީނުތަކަށާއި އަދި އެ ނޫން ވެސް ބޭނުން ތަކަށް "އަރުތަ" ޕްރޮގްރާމްގެ ދަށުން ވަނީ މާލީ އެހީތެރިކަން ދީފަ އެވެ. އެ ގޮތުން "އަރުތަ" ޕްރޮގްރާމްގައި މި ވަގުތު 50 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ހިމަނައިފަ އެވެ.
އެ ގޮތުން، ގެޒެޓްކޮށްފައިވާ، އަރުތަ ޕްރޮގްރާމްގެ މި ގަވާއިދުގައިވާ ގޮތުން މިއ،ީ ސަރުކާރުގެ ހަރަދުގައި ކުޅިވަރުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯދައ،ި ކުޅިވަރުގެ  ދާއިރާއިން ދިވެހިރާއްޖެ ފަޚުރުވެރިކުރުވާ ފަދަ ކާމިޔާބީތަކެއް ހޯދޭނެ ހުނަރުވެރި މޮޅު އެތުލީޓުންތަކެއް އަރުތަ ޕުރޮގުރާމު މެދުވެރިކޮށް އުފެއްދުމުގައި ޢަމަލުކުރާނެ އުސޫލުތައް ހެދުމަށް އެކުލަވާލި ގަވާއިދެކެވެ. 
މި ގަވާއިދުގެ މަގުސަދަކ،ީ ދިވެހިރާއްޖޭގައި ވާދަވެރި ކުޅިވަރު ކުޅޭ އެތުލީޓުންނަށް ސަރުކާރުގެ ޚަރަދުގައި ކުޅިވަރުގެ ދާއިރާއިން މަތީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހޯދުމަށާއ،ި އެތުލީޓުންގެ ތަމްރީނުތަކަށް އެހީތެރިވުމަށް ބޭނުންވާ ޓެކްނިކަލް އެކްސްޕާޓުން ތަމްރީނުކުރުމުގެ ކަންކަން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޒު ކުރުމެވެ.
މި ގަވާއިދުގައިވާ ގޮތުގެ މަތީން އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުތައް ފުރިހަމަވާ އެތުލީޓުންނަށް ލާޒިމެވެ. 
އެއީ، ދިވެހި ރައްޔިތެއް ކަމުގައިވުމާއި ރާއްޖޭގެ ގައުމީ ހައިސިއްޔަތު ލިބިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެފައިވާ އެތުލީޓުން ނުވަތަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާ އެތުލީޓުންނަށް ވުމާއި އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅަންޖެހޭ "އަރުތަ ޕުރޮގުރާމަށް އެދި ހުށަހަޅާ ފޯމު" ގައިވާ ހުރިހާ މަޢުލޫމާތު ރަނގަޅަށް ފުރިހަމަކޮށް، މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެ ފޯމުގައިވާ އިޤުރާރުގައި ސޮއިކޮށްފައިވާ ފަރާތެއްކަމުގައި ވާން ޖެހެ އެވެ. 
މީގެ އިތުރުން، އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދި މިނިސްޓްރީ އަށް އެޕްލިކޭޝަން ހުށަހަޅާއިރު އުމުރުން 35 އަހަރު ފުރިފައި ނުވުުމާއި ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސަރުކާރުގެ ނުވަތަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނުވަތަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ނުވަތަ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ނުވަތަ އިސްވެ ބަޔާންކޮށްފައިވާ ތަންތަން މެދުވެރިކޮށް ލިބިފައިވާ ކުޅިވަރު ޓްރެއިނިން ސްކޮލަޝިޕެއްގެ ތެރެއިން ނުވަތަ ތަމްރީނު ޕުރޮގުރާމެއްގެ ތެރެއިން ރާއްޖެ އިން ނުވަތަ ރާއްޖެއިން ބޭރުން ތަމްރީނު ޕްރޮގުރާމެއް ފެށި ނަމަ، މަގުބޫލު ސަބަބެއް މެދުވެރިވެގެން މެނުވީ ތަމްރީނު ޕުރޮގުރާމު ނުވަތަ ކިޔެވުން ހުއްޓައިލައިފައިވާ ފަރާތަކަށް ނުވުމެވެ. އަދި، ސަރުކާރުގެ ޚަރަދުގައި ކުޅިވަރު ތަމްރީނު ހޯދޭނެ އެހެން ގޮތެއް ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުމެވެ. 
އެ ގޮތުން ބަލާއިރު، މަގުބޫލް ސަބަބެއް ކަމަށް ނިންމާނީ ޞިއްޙީ މައްސަލައަކާ ގުޅިގެން ތަމްރީނު ޕުރޮގުރާމު ހުއްޓައިލަންޖެހުމާއި ކުޅިވަރު ޓްރެއިނިންް ސްކޮލަޝިޕް ދިން ފަރާތުން ސްކޮލަރޝިޕް ކެންސަލްކުރުމާއި ޓްރޭނިން ދޭ މަރުކަޒު ނިސްބަތްވާ ގައުމަށް ގުދުރަތީ ކާރިސާއެއް ދިމާވުމާއި ބަޔާންކޮށްފައިވާ ހާލާތްތަކުގެ އިތުރުނ،ް އަރުތަ ޕުރޮގުރާމު ސިލެކްޝަން ކޮމިޓީ އަށް ގަބޫލުކުރެވޭ ފަދަ ހާލަތެއް މެދުވެރިވުމެވެ. 
އަރުތަ ޕްރޮގްރާމްގެ މި ގަވާއިދުގެ ދަށުން ކޮންމެ އަހަރެއްގައި ދޫކުރެވޭ ފައިސާ އަކީ އެތްލީޓުގެ ތަމްރީނާއި ކުރިއެރުމަށް ހޭދަކުރުމަށް ދޭ ފައިސާ އެވެ. އެތުލީޓަކަށް ދޫކުރެވޭނީ އަހަރަކަށް ގިނަވެގެން ތިން ލައްކަ ރުފިޔާ އެވެ. އަރުތަ ޕްރޮގްރާމްގެ ފައިސާ އެސޯސިއޭޝަނުގެ އެކައުންޓަށް ޖަމާވުމުން، އަރުތަ ޕުރޮގުރާމަށް ހޮވިފައިވާ އެތުލީޓަށް އެ އެތުލީޓުގެ ޓްރެއިނިން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އެ ފައިސާ ޚަރަދު ކުރަންވާނެ އެވެ. އަދި މި ފައިސާގެ އެއްވެސް މިންވަރެއް، އެސޯސިއޭޝަނުގެ އިތުރު ކަމަކަށް ބޭނުންކޮށްގެން ނުވާނެ އެވެ.
އެ އަހަރަކަށް ދޫކުރާ ފައިސާ އެ އަހަރުގެ ތެރޭގައި ތަމްރީނުތަކަށް ބޭނުންކޮށްފައި ފައިސާ ބާކީވެއްޖެ ނަމަ، ޖެހިގެން އަންނަ އަހަރު ދޫކުރަން ހަމަޖެހިފައިވާ ފައިސާގެ ތެރެއިން ކަނޑައި ބާކީވާ ފައިސާ ޤައުމީ ކުޅިވަރު އެސޯސިއޭޝަނަށް ޖަމާކޮށްދިނުމަށް ގަވައިދުގައިވަނީ ހިމަނައިފަ އެވެ. އަދި، ތަމްރީނަށް ފުރަތަމަ ފައިސާ ދޫކުރުމަށްފަހު ދެން ކޮންމެ އަހަރަކު ވެސް ފައިސާ ދޫކުރާނ،ީ އެންމެ ފަހުން ދޫކުރި ފައިސާ ޚަރަދުކުރިގޮތުގެ ތަފުސީލު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.
އަރުތަ ޕުރޮގުރާމުގެ ދަށުން ސަރުކާރުން ޚަރަދުކުރާނ،ީ އެއް އަހަރާއި ތިން އަހަރު ދުވަހުގެ މުއްދަަތަށެވެ. އަރުތަ ޕްރޮގްރާމަށް ބައިވެރިވާން ހުށަހެޅޭނީ މިނިސްޓްރީން އެކަމަށް ހުޅުވާލުމުންނެވެ. އަރުތަ ޕުރޮގުރާމަށް އެދި ހުށަހަޅާނ،ީ މިނިސްޓްރީން އިޢުލާނުކުރުމުން، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށެވެ. ކުރިޔަށް އޮތް އަހަރަށް އަރުތަ ސްކޮލަރޝިޕް ފަށާނެ އެތުލީޓުންގެ ނަންތައް ހިނގަމުންދާ އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އިއުލާނު ކުރަންވާނެ އެވެ.  
ގަވާއިދުގައިވާ ގޮތުން، އަރުތަ ޕްރޮގްރާމް ވިލަރެސް ކުރާނެ ކޮމިޓީ އަކ،ީ އަރުތަ ޕުރޮގުރާމުގައި ބައިވެރިވުމަށް މިނިސްޓްރީއަށް ހުށަހަޅާ އެތުލީޓުންގެ ތެރެއިން މި ޕްރޮގުރާމުގައި ބައިވެރިކުރާނެ އެތުލީޓުން ހޮވާނެ ކޮމިޓީ އެވެ.
އެ ގޮތުން، މި ކޮމިޓީ އެކުލެވިގެންވާނީ ފަސް މެމްބަރުންގެ މައްޗަށެވެ. މި ކޮމިޓީގެ މެންބަރުން އައްޔަނުކުރާނ،ީ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތިން ކުޅިވަރާބެހޭ މިނިސްޓަރެވެ. ކޮމިޓީގައި ހިމެނޭނީ، މިނިސްޓްރީ ތަމުސީލުކުރާ އެއް މެމްބަރާއި ކުޅިވަރާބެހޭ ޤައުމީ މަޖިލިސް ތަމްސީލުކުރާ އެއް މެމްބަރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ތަމްސީލް ކުރާ މެމްބަރަކާއި މިނިސްޓަރު އައްޔަނުކުރާ އަންހެން މެމްބަރެއްގެ އިތުރުން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ އެއް މެމްބަރެވެ. ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް  ތަމްސީލުކުރާ މެންބަރު ހޮވާނީ އެސޯސިއޭޝަންތަކުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެެއް ކަމަށް ގަވާއިދުގައި ވަނީ ހިމަނައިފަ އެެވެ. 
މި ކޮމިޓީގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނ،ީ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އަދި، ކޮމިޓީގެ ޖަލްސާ ބޭއްވޭނ،ީ ކޮމިޓީގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި، ހަތަރު އަަހަރުގެ ދައުރަކަށް ހޮވާ ކޮމިޓީގެ އެއްވެސް ނިންމުމެއް ނިންމޭނ،ީ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި، ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވުމުގެ ކުރިން ވަކިކުރެވޭނ،ީ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތީނ،ް ކުޅިވަރާބެހޭ މިނިސްޓަރަށެވެ. 
މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަރުތަ ޕުރޮގުރާމުގެ ސިލެކްޝަން ކޮމެޓީ އެކުލަވައިލާތާ 45 ދުވަހުގެ ތެރޭގައި މި ކޮމެޓީން ސިލެކްޝަން ކްރައިޓީރިއާއެއް އެކުލަވައިލައިފައ،ި ކުޅިވަރާބެހޭ ޤައުމީ މަޖިލީހަށް ހުށަހަޅަންވާނެ އެވެ. އަދި، ސިލެކްޝަން ކްރައިޓީރިއާގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާނ،ީ އަރުތަ ޕްރޮގުރާމުގެ ސިލެކްޝަން ކޮމިޓީންނެވެ. އަދި، އަރުތަ ޕުރޮގުރާމާ ގުޅިގެން ޝަކުވާ ހުށަހަޅާނެ ގޮތުގެ އުސޫލެއް، އަރުތަ ޕުރޮގުރާމުގެ ސިލެކްޝަން ކޮމިޓީން އެކުލަވައި ލަންވާނެ އެވެ. އަދި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަރުތަ ޕްރޮގްރާމްގެ ގަވާއިދު ޝާއިޢުކުރާތާ 60 ދުވަހުގެ ތެރޭގައި މި އުސޫލު އެކުލަވައިލަން ވާނެ އެވެ.
    
    "އަރުތަ" ޕްރޮގްރާމަށް ގަވާއިދެއް، ކުރިއަށްގެންދަން ކޮމިޓީއެއް "އަރުތަ" ޕްރޮގްރާމަށް ގަވާއިދެއް، ކުރިއަށްގެންދަން ކޮމިޓީއެއް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            