އެންވީޑިއާގެ އަގު 5 ޓްރިލިއަން ޑޮލަރަށް، ރިކޯޑެއް
ފަސް ޓްރިލިއަން ޑޮލަރަށް އަގު އެރި ފުރަތަމަ ޕަބްލިކް ޓްރޭޑް ކުންފުންޏަކަށް އެންވީޑިއާ ވެއްޖެއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާއިން މިހާރު ހީވެސް ނުކުރާހާ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި، އެންވިޑިއާ އިން ތާރީޚީ މި ކާމިޔާބީ ހޯދާފައިވާއިރު، ބުދަ ދުވަހު އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 5.6 އިންސައްތައަށްވުރެ މައްޗަށް ގޮސް، އެއް ހިއްސާގެ އަގު 212.19 ޑޮލަރަށް އަރާފައެވެ. ހިއްސާގެ އަގު މިހާ ބޮޑަށް މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބުރާސްފަތި ދުވަހު ބައްދަލުކުރައްވައި އެންވިޑިއާގެ "ބްލެކްވެލް" ޗިޕްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމުގެ ޚަބަރުތައް ފެތުރުމެވެ. https://sun.mv/213263 މީގެ އިތުރުން، އިންވެސްޓަރުންގެ ފޯރި އިތުރުކޮށްދިން ކަމަކީ، އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ދެއްކެވި ވާހަކަފުޅުތަކެވެ. އޭނާ ވިދާޅުވީ، ކުންފުނިން އޭއައި ޗިޕްތަކުން 500 ބިލިއަން ޑޮލަރުގެ ޑީލެއް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި، އެމެރިކާގެ ސަލާމަތާއި، ހަކަތައާއި، ސައިންސް ފަދަ ދާއިރާތަކަށް ޚާއްސަކޮށްގެން، އެތައް ހާސް އެންވިޑިއާ ޖީޕީޔޫ ބޭނުންކުރާނެ ހަތް ސުޕާކޮމްޕިއުޓަރު ބިނާކުރަމުން އަންނަ ކަމަށް ވެސް ހުއާންގް ހާމަކުރެއްވިއެވެ. އެންވިޑިއާއިން މި ބޮޑު ކާމިޔާބީ ހޯދާފައިވަނީ، ހަތަރު ޓްރިލިއަން ޑޮލަރުގެ މައިލްސްޓޯން (މޭލުގާ) ހުރަސްކުރިތާ އެންމެ ތިން މަސް ތެރޭގައެވެ. މި އަހަރު އެކަނި ވެސް އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 50 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. މީގެ މައިގަނޑު ސަބަބަކީ، ބޮޑެތި ލޭންގުއޭޖް މޮޑެލްތައް ތަމުރީނުކުރުމަށާއި އެހެނިހެން އޭއައި މަސައްކަތްތަކަށް ޑޭޓާ ސެންޓަރުތަކުގައި ބޭނުންކުރާ އެ ކުންފުނީގެ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ)ތަކަށް އޮތް ހުއްޓުމެއް ނެތް ބޮޑު ޑިމާންޑެވެ. އޭއައި ޓެކްނޮލޮޖީއަކީ އިންޓަނެޓް ފަދައިން ދުނިޔޭގެ އެކި ސިނާޢަތްތަކަށް އިންގިލާބެއް ގެނެސްދޭނެ ކަމެއް ކަމަށް އިންވެސްޓަރުން ދެކޭތީ، މުޅި ޓެކް ދާއިރާއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ފާއިތުވި އަހަރު، އެންވިޑިއާ މައިގަނޑު ދައުރެއް އަދާކުރި ބިލިއަން ޑޮލަރުގެ އެތައް މުޢާމަލާތެއް ވަނީ ހިންގާފައެވެ. މިގޮތުން، މިދިޔަ ސެޕްޓެންބަރު މަހު، އޭއައިގެ ދާއިރާއިން ފައިދާ ހޯދަމުންދާ އަނެއް ކުންފުނި ކަމަށްވާ އޯޕަންއޭއައިގައި އަންނަ އަހަރުތަކުގެ ތެރޭގައި 100 ބިލިއަން ޑޮލަރާ ހަމައަށް އިންވެސްޓްކުރާނެ ކަމަށް އެންވިޑިއާއިން ވަނީ އިޢުލާންކޮށްފައެވެ. މި ވަގުތު އެންވިޑިއާގެ ފަސް ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕަކީ، އެމެރިކާ، ޗައިނާ އަދި ޖަޕާނު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމެއްގެ ސްޓޮކް މާކެޓްތަކުގެ ޖުމްލަ އަގަށްވުރެ ވެސް ބޮޑު އަދަދެކެވެ. މިއީ ޓެކްނޮލޮޖީގެ ދުނިޔޭގައި އެންވިޑިއާގެ ބާރާއި ނުފޫޒު ދައްކުވައިދޭ ހެއްކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ