މީޑިއާ ބިލުން ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ހާމަވޭ: ރައީސް ސޯލިހު
މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލުން ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ހާމަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ބިލާ އެކު ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދިޔައީ ކަމަށެވެ."ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް އަދި އާންމުންގެ ކަންބޮޑުވުންތަކާ އެކު ވެސް އެ ބިލް ފާސްކުރުމަކީ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ހާމަވެގެންދާ ކަމެއް،" ސޯލިހު ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު އެމްޑީޕީން އެ ބިލާ ދެކޮޅަށް މަސައްކަތް ކުރާނެ އެވެ. އޭގެ އިތުރުން ދިވެހިންނަށް އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެ ޕާޓީން ސާބިތުވެ އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.ބިލު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ސަރުކާރުން ބުނަމުންދިޔައީ އެ ބިލަކީ ސަރުކާރުގެ އެއްވެސް ދައުރެއް އޮތް ބިލެއް ނޫން ކަމަށެވެ.ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ.އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ