ވިޔަފާރިވެރިން ތަކެތީގެ އަގުބޮޑުކުރީ ގަސްތުގައި ސިޔާސީ ބޭނުމަށް: ރައީސް

ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގު ގަސްތުގައި ބޮޑުކުރާ ކަމަށާއި އެ ފުރުސަތު ދެން ނުދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.ވ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި، ފެލިދޫގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ފަހުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ތަރުކާރީއާއި މޭވާގެ ޖުމްލަ 20 ބާވަތެއް އެތެރެކުރަން ނިންމެވީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެ ކަން ކުރަން މަޖުބޫރުވީ ބައެއް ވިޔަފާރިތަކުން ސިޔާސީ ބޭނުމުގައި ތަކެތީގެ އަގު ގަސްދުގައި ބޮޑުކުރުމުން ކަމަށް ވެސް ވިދާޅުވިއެވެ."ސިޔާސީ ބޭނުމެއްގަ، އޯގަނައިޒްޑް ގޮތެއްގަ، ގަސްތުގަ ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންތައްތައް އެބަ ކުރެއޭ. އެކަންކަމަކަށެއް އަޅުގަނޑުމެން ލޯމަރާލައިގެންނެއް ހަމަ އެހެންނެއް ނުތިބޭނަމޭ،" ތަކެތީގެ އަގުބޮޑުވާ ސަބަބުގެ ގޮތުގައި ބަހަނާ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.ސަރުކާރުން ވަނީ އެންމެ ގިނައިން އެތެރެކޮށް ވިއްކާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެއިތުރުން މުގާއި ބިހާއި އަލުވި ގަނޑުކޮށް އެތެރެކޮށްގެން ވިއްކަން ފަށަން އެސްޓީއޯއަށް އަންގަން އިއްޔެ ނިންމާފަ އެވެ.މިކަން އިއުލާނުކުރައްވަމުން މުއިއްޒު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމު ކުރުމަށް ކަނޑައެޅުއްވި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ."ދެނެއް އެގޮތަކަށް ސިޔާސީ ބޭނުމުގައި ތަކެތީގެ އަގޮބޮޑެއް ނުކުރެވޭނެ. އެކަން ކުރުމުގެ ފުރުސަތެއް، މޭވާ އާއި ތަރުކާރީ އަގުބޮޑު ކުރުމުގައި ދެން ލިބިގެނެއް ނުދާނެ. އެ ޔަގީންކަން އަރުވަން."އޭގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުން އައިނު ހެއްދުން އަގު ބޮޑުކަމުން، އެ ހިދުމަތް ސަރުކާރުގެ ފަރާތުން އައިޖީއެމްއެޗުގައި ގާއިމުކުރުމުން އެކަމަށް ނަގާ އަގު އަމިއްލަ ވިޔަފާރިތަކުން ކުޑަކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ