ތިމާއަކީ މުސްލިމެއް ނަމަވެސް ޤިޔާމަތް ދުވަހު މުސްލިމުންގެ ތެރޭގައި ނުލައްވަވައިފާނެ މީހުން ގިނަވާނެ! މިކަންކަމަށް ސަމާލުކަން ދެއްވާ!

ބައެއް މީހުންނަކީ ތިމާކުރާ ކުށް ނުވަތަ ފާފަބޭޒާރުނުވާނެކަމުގެ ޔަޤީންކަން އޮތްނަމަ ކުރަންބޭނުންވާ ކަމެއް ކުރަން ފަސްޖެހޭ ބައެއް ނޫނެވެ. އެކަމެއް ކުރާ ބައެކެވެ. ނަމަވެސް ކިތަންމެ ސިއްރުން ފާފައެއް ކޮށްފައިވެސް ޤިޔާމަތް ދުވަހަކުން ފިލައެއް ނުހުރެވޭނެއެވެ. ޖެހޭނީ ކުރިމަތިލާށެވެ. އެކަން ހުރިހާ މުސްލިމުންނަށްވެސް ޤަބޫލުކުރެވޭނެއެވެ.
މިއަދުގެ ޙާލަތަށް ބަލައިފިނަމަ މީސްތަކުންގެ ތެރޭގައި އުޅޭއިރު މުސްލިމުން ކުރާ ކަންކަން ކުރުމަށްފަހު ރޭގަނޑުވުމުން ﷲ ތަޢާލާއަށް ބިރު ކަނޑާލައި ރޭގަނޑުގެ އަރާމް ހޯދާ އެތައް ބައަކު އެބަ އުޅެއެވެ. އަމިއްލަ ޤައުމުން ބޭރުވެވެވުމާއިއެކު ހިތަށް އެރިހައި ގޮތަކަށް އުޅޭ އެތައް ބައަކު އެބަ އުޅެއެވެ.
އެމީހުން ޤައުމުގައި ތިބޭއިރުވެސް އެމީހުން ކުރާ ހުރިހާ ކަމެއް ބައްލަވައި ވޮޑިގެންވާ ކަލާނގެ، ހަމަ އެމީހުން ޤައުމުން ބޭރުގައި ކުރާ ކަންކަން ބައްލަވައިވޮޑިގެން ނުވާކަމަށް ޤަބޫލުކުރަނީ ހެއްޔެވެ؟ އަދި އަމިއްލަ ޤައުމުގައިވެސް ރޭގަނޑު ވަލު ދޮރުން ސިއްރިޔާތުގައި ނައިޓް ކްލަބްތަކަށް ވަދެ (ރާއްޖޭގައި ނަމަ ސެލޫންތަކަށާއި ގައިމޮޑެދޭ ތަންތަނަށާއި އެނޫންވެސް ހަށިވިއްކާ ތަންތަނަށްވަދެ) ކުރާ ކަންކަން ﷲ ތަޢާލާއަށް ސިއްރުކުރެވޭ ކަމަށް ހީކުރަނީ ހެއްޔެވެ؟ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ސިއްރުން ޒިނޭކުރާއިރު އެކަން ﷲ ތަޢާލާއަށް ސިއްރުކުރެވޭ ކަމަށް ހީކުރަނީ ހެއްޔެވެ؟
މީސްތަކުންނޭވެ! މިފަދަ ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމުން އެނގިގެންދަނީ ހަމަ އެއް ކަމެކެވެ. ތިބާ އެކަނިވާހިނދު، ތިބާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތް ކަމެވެ. އެހާލަތުގައި ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ތިބާގެ އަގު، ވަޔަށް ބުރައިގެންދާ ހިރަފުހަށްވުރެ ދަށްވެގެންދެއެވެ!
މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާން ޖެހޭނީ މީސްތަކުންގެ ކުރިމަތީގައި ނުވަތަ ތިމާ ދަންނަ ބައެއްގެ ކުރިމަތީގައި ހުންނައިރު އެކަންޏެއް ނޫނެވެ! ތިބާވީ ކޮންމެ ތަނެއްގައިވެސް ހުންނައިރުއެވެ. ނޫން ނަމަ ތިބާގެ ކިބައިގައި އޮތީ ކޮން އީމާން ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާއަށް ދެއްކޭނީ ކޮން މޫނެއް ހެއްޔެވެ؟
ތިބާއަކީ މުސްލިމެކެވެ. ނަމާދުކޮށް ރޯދަ ހިފައެވެ. ޒަކާތް ދިނުމާއި އެހެން ފަރުޟުތައްވެސް އަދާ ކުރެއެވެ. އަދި ﷲ ތަޢާލާގެ މަގުގައި ޖިހާދު ކުރަންވެސް ހުންނަނީ ތައްޔާރަށެވެ. މިހުރިހާ ކަމެއް ކުރަމުން ވެސް ތިބާގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި، ވަޔަށް ބުރައިގެން މިދާ ހިރަފުހަށްވުރެ ނިކަމެތިވާން އެދެނީ ހެއްޔެވެ؟ އެހެނީ އެކަނިވުމުން ބިރެއް ނެތި ފާފަކުރާ މީހާ ބޮޑެތި ފަރުބަދަތައްހައި ގިނަ އަޅުކަން ހިފައިގެން ޤިޔާމަތް ދުަވހު ދިއުމުން އެ އަމަލުތައް ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. ހިރަފުސް ފަދައިން ވައިގެ ތެރެއަށް އެޢަމަލުތައް ބުރުއްސަވައި ލައްވަވާނެތެވެ.
ރަސޫލް ﷺ މިފަދަ މޭރުމަކުން ބަޔާން ކުރެއްވެވުމުން އަރިއަހުގައި ތިއްބެވި ޞަހާބީން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން އެއީ ކިހިނަކުންވާނެ ކަމެއްތޯ އާއި އެއީ ހަމަ މުސްލިމުންގެ ތެރެއިން ހިމެނޭ ބައެއްތޯ ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ރަސޫލް ﷺ ހަދީޘްފުޅު ކުރެއްވެވީ އެމީހުންނަކީ ހަމަ މުސްލިމުންގެ ތެރެއިން ހިމެނޭ ބައެއް ކަމަށެވެ. އެމީހުންނަކީ ކޮން ބައެއްކަން ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެމީހުންނަކީ އެމީހުން މީސްތަކުންގެ ތެރޭގައި އުޅޭއިރު މުސްލިމެއްގެ ގޮތުގައި އުޅެފައި އެކަނިވާހިނދު ﷲ ތައާލާއަށް ބިރު ނުގަންނަ މީހުން ކަމަށެވެ. ބިރުވެތި ކަމެއް ނެތި ފާފަކުރާ މީހުން ކަމަށެވެ.
--ޝައިޚް ޝާދީ އަލްސުލެއިމާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ