ވ. އާރަށް ކުއްޔަށް ދެމުން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ބަލަން އެންގި އިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ހައި ކޯޓުން އެއްފަރާތްކުރި މައްސަލައިގެ އަޑުއެހުމެއް މި މަހު 29އަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި މި އާ ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެވެ.
އެ ހެކިތައް އެއްފަރާތްކޮށްގެން ޝަރީއަތް ފަށަން ހައި ކޯޓުން ނިންމި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.
ތަފްސީލް - ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން މި މައްސަަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މި މަހު 29 ވަނަ ދުވަހުގެ ހެނދުނު 11:30ގައި ބޭއްވުމަށެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ހުކުމް ކުރުމުގެ އަޑުއެހުން ދެން ބޭއްވުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ޝެޑިއުލްގައިވާ ގޮތުން ތާވަލުކޮށްފައިވަނީ ހުކުމްކުރުމެއް ނޫނެވެ. އަޑުއެހުމެކެވެ.
މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:
އައިޝާ ޝުޖޫން މުހައްމަދު (ރިޔާސަތު)
ޑރ. މުހައްމަދު އިބްރާހީމް
އަބްދުﷲ ހަމީދު
ފާހަގަކޮށްލެވޭ - ކުރިން ބެންޗުގައި އަބްދުﷲ ހަމީދުގެ ބަދަލުގައި އިންނެވީ އަޒްމިރަލްދާ ޒާހިރެވެ. ބެންޗު ބަދަލުކުރަން ޖެހުނީ އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކޮށްފައިވާތީ އެވެ.
އެނގުން މުހިންމު - އެއްފަރާތްކުރި ހެކިތަކުގެ ތެރޭގައި ހިމެެނެނީ:
ޔާމީންގެ ހެކިންގެ ތެރޭގައި ހިމެނޭ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ކުރިން ވަޒީފާ އަދާކުރެއްވި އެމްއެންޑީއެފްގެ ހާޒިރީ
އޭރުގެ ވަޒީރުންގެ ކެބިނެޓްގެ ކޮމިޓީއެއް ކަމަށްވާ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ
ޑޮލަރު މާރުކޮށްގެން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ލިބެން ޖެހޭ ކަމަށް ބުނާ ދިވެހި ރުފިޔާގެ ނަގުދު ފައިސާ ޔޫސުފް ނައީމަށް ރައްދުކޮށްދޭން ދިޔަ ކަމަށް ހެކިބަސް ދިނީ ނަރީޝް އެވެ. ނަރީޝްގެ އެ ވާހަކައަކީ ދޮގެއް ކަމަށް ދަށު ކޯޓުގެ ހުކުމުގައިވެ އެވެ.
ޔާމީނާ ދެކޮޅު އާ ހެކީގެ މައްސަލައިގެ އަޑުއެހުމެއް މި މަހު 29އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ