ގައުމީ ފުޓްސަލް ޓީމު ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން އަށް ގައުމީ ފުޓްސަލް ޓީމު ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން އަށް

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު، ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް މިޔަންމާ އަށް މިއަދު ހެނދުނު ފުރައިފި އެވެ.
މި ފަހަރުގެ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން މެޗުތައް ކުޅެން ޖެހެނީ މިޔަންމާގަ އެވެ. ރާއްޖޭގެ ގްރޫޕްގައި ހިމެނެނީ، މިޔަންމާ އާއި އަފްގާނިސްތާން އެވެ. ކޮލިފައިން ފުރަތަމަ މެޗުގައި، މި މަހު 20 ވަނަ ދުވަހު އަފްގާނިސްތާނާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި، 22 ވަނަ ދުވަހު މިޔަންމާއާ ބައްދަލުކުރާނެ އެވެ.
ގައުމީ ފުޓްސަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ، އަހުމަދު އަޔާޒް (އަޔާ)، ސާމިން މުހައްމަދު (ސާންކޮ)، އަލީ ޝިޔާހު (ޝިޔަޅޭ)، އިސްމާއިލް ވަޖީހު (ވައްޖެ)، ހުސެއިން ސުހެއިލް (ސޮކޭ)، މުހައްމަދު ފާސިރު (ފާއްޓެ)، އަހުމަދު ރާހިލް (ރާއްކޮ)، އަލީ ޝަމާލް (ޝަންމު)، ހުޒައިފަތު ރަޝީދު (ހުޒޭ)، އިޝާން އިބްރާހިމް (ސައްޓު)، މުހައްމަދު އިމްރާން (އިންމި)، އަލީ ހާފިޒް (ހާއްޕެ)، އަބްދުﷲ ޒިމާމް، އަބްދުﷲ ނާސިހު އެވެ.
ޓީމުގެ ކޯޗަކީ މީގެ ކުރިން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަހުމަދު ނިޔާޒް (ނިޔާ) އެވެ. އެސިސްޓަންޓް ކޯޗަކީ މުހައްމަދު ފުހެއިދު (ޓޯޑު) އެވެ. އަދި، ޓީމުގެ މެނޭޖަރަކީ، މުހައްމަދު އުމެއިރު އެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެފައިވަނީ، 2023 ވަނަ އަހަރު އެވެ. އެ ފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
ނިސްބަތުން ބަލާއިރު، ރާއްޖޭގައި އާޓިފިޝަލް ޓާފުގައި މުބާރާތްތައް ކުޅެފައި، ބޭރުގެ މުބާރާތް އިންޑޯގައި ކުޅެން ޖެހުމުގެ ގެއްލުން ކުޅުންތެރިންނަށް ކުރިމަތިވެ އެވެ. ފުޓްސަލް ޓީމުން އެންމެ ފަހުން އޭޝިއަން ކޮލިފައިން އަށް ދިޔައީ، ސޯޝަލް ސެންޓަރުގައި ޕްރެކްޓިސްތަކެއް ކޮށްފަ އެވެ. އެކަމަކު، މި ފަހަރު، އިންޑޯއެއްގައި ޕްރެކްޓިސް ކުރަން ނުލިބި، ޕްރެކްޓިސްތައް ކުރިއަށްގެންދަނީ، ޓާފް ދަނޑުގަ އެވެ.
ގައުމީ ފުޓްސަލް ޓީމުން ވަނީ، އޭޝިއަން ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން، މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެން ޓީމުތަކުން ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ