އެފްއޭއެމްގެ މަސައްކަތަށް އިންފަންޓީނޯގެ ތައުރީފް، ފުޓްބޯޅަ ކުރިއަރުވަން ރައީސާއެކު މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކޮށް، ކުރިއަރުވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ. އިންފަންޓީނޯ މިއަދު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އިންފަންޓީނޯ ރާއްޖެއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ރައީސް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި، ވަގުތު ހުސްކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސް މުއިއްޒު ވަނީ، އެކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާ ކަމަށާއި ފުޓްބޯޅައަކީ ދިވެހިންގެ އެންމެ މަޤްބޫލު ކުޅިވަރުކަން ފާހަގަކުރައްވާފައެވެ. ރައީސް މުއިއްޒާއި އިންފަންޓީނޯ ސަލާންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅައަކީ މުހިންމު ބާރެއްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް މުއިއްޒު ވަނީ ސަރުކާރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި އަހަރާއި އަންނަ އަހަރު ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރަމުންދާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެއިތުރުން، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި އެ ޖަމިއްޔާގެ އިސްވެރިންނަށް، ފުރިހަމަ އެއްބާރުލުން ދެއްވާނެކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް މުއިއްޒުގެ އަރިހަށް އިންފަންޓީނޯ ކުރެއްވި ޒިޔާރަތުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް މި ބައްދަލުކުރެއްވުމުގައި އިންފަންޓީނޯ ވިދާޅުވީ، މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، މިހާރު އަންނަމުންދާ ކުރިއެރުންތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އެފްއޭއެމްގެ މިހާރުގެ އިސްވެރިންގެ މަސައްކަތަށް ތައުރީފުކުރައްވައި، ފީފާއިން އަބަދުވެސް ދޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ރާއްޖޭގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްޤީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންފަންޓީނޯ ވަނީ، މުޅިދުނިޔެއަށް ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި އެއްވަރަށް ފުޓްބޯޅައިގައި ހޯދާ ކާމިޔާބީ ވެސް ވިދާލާނެ ކަމަށެެވެ. ރައީސް މުއިއްޒުގެ އަރިހަށް އިންފަންޓީނޯ ކުރެއްވި ޒިޔާރަތުގެ ތެރެއިން: ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ މަޝްވަރާކޮށްފައި --- ފޮޓޯ/ ރައީސް އޮފީސް މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް މުއިއްޒާއި ފީފާގެ ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީ ކުރެއްވުމަށް އެއްބާރުލުންދެއްވުމާއި އެފްއޭއެމް ކުރިއެރުވުމަށް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުންވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. https://sun.mv/213078 ފާހަގަކުރެވޭ ގޮތުގައި، މިއަދު ހަވީރު ވަނީ އިންފަންޓީނޯއާއި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ގަލޮޅު ދަނޑުގައި މެޗެއް ކުޅުއްވާފައެވެ. އެ މެޗު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރެއްވީ އިންފަންޓީނޯގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ފީފާގެ ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ