ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބަޔާއި ޖޫނިއާ ލީގުގެ ޗެމްޕިއަނަކީ އިޔަން ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބަޔާއި ޖޫނިއާ ލީގުގެ ޗެމްޕިއަނަކީ އިޔަން

މިހާރު ކުރިއަށްދާ ގައުމީ ބަނޑުފިލާ ޗެލެންޖް 2025 ގެ ޖޫނިއާ މެންސް ކެޓަރަގަރީގެ ޗެމްޕިއަންކަން ހޯދައި ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން، ކުޅަދާނަ ބޮޑީބޯޑަރު، އިޔަން އަހުމަދު ހޯދައިފި އެވެ.
މި ފަހަރުގެ ބަނޑުފިލާ ޗެލެންޖަށް އައިއިރު، ޖޫނިއާ ރޭންކިން އަށް ބަލާއިރު، މުހައްމަދު އަޒާން އަހުމަދު އާއި އިޔަން، ކޮންމެ އެތުލީޓަކު މުބާރާތެއް ނަގާފައި އޮތުމުން، ގައުމީ ބޮޑުފިލާ ޗެމްޕިއަންޝިޕް ނަގާ އެތުލީޓަކަށް ޖޫނިއާ ލީގު ރޭންކިން ކުރި ލިބޭނެކަން އޮތީ ޔަގީންވެފަ އެވެ. މުބާރާތަށް އައިއިރު، އިޔަން އާއި އަޒާން އަށް ވެސް ޖޫނިއާ ރޭންކިންގައި ލިބިފައިވަނީ، 1860 ޕޮއިންޓެވެ.
އިޔަން ވަނީ ޖޫނިއާ ފައިނަލު ހީޓުގައި، 3.17 ޕޮއިންޓުގެ ފަރަގަކުން މުޅިން އަލަށް މި ލެވަލްގެ މުބާރާތެއްގައި ވާދަކުރި ށ. ކަނޑިތީމުގެ އަބްދުލް އަހަދު ބަލިކޮށްފަ އެވެ. އިޔަން، ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި، 12.10 ޕޮއިންޓް ސްކޯކޮށްގެންނެވެ. އިޔަންގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ، 6.50 ޕޮއިންޓާއި 5.60 ޕޮއިންޓެވެ. އަހަދު ވަނީ، އެންމެ ރަނގަޅު ދެ ރާޅުގައި، 4.50 ޕޮއިންޓާއި 4.43 ޕޮއިންޓް ސްކޯކޮށްފަ އެވެ.
މި ފަހަރުގެ ބަނޑުފިލާ ޗެެލެންޖުގެ އިވެންޓެއްގައި އިޔަން ވާދަކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / ނައުޝަމް ވަހީދު
އިޔަން ފަހަތަށް ޖައްސާލައި މިިދިޔަ އަހަރު ޖޫނިއާ ބައި ކާމިޔާބުކުރި އަޒާންގެ މައްޗަށް މި ފަހަރު އިޔަން މި ވަނީ ކުރިހޯދައި، ފާއިތުވި އަހަރުތަކުގައި އޭނާ އެންމެ ބޮޑަށް ބޭނުންވި ޖޫނިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ މެންސް އޯޕަންގެ ޗެމްޕިއަން، އިޔަން މި ފަހަރު އެ ކެޓަގަރީގައި ކެޓީ ކުއާޓާ ފައިނަލުންނެވެ. އެ ގޮތުން، ކުއާޓާގައި، އިޔަން އާއި އާމިން އުމަރު މޫސާގެ މެދުގައި ދިޔައީ ވާދަވެރި ހީޓެކެވެ. އިޔަން އަތުން އާމިން މޮޅުވީ، 0.14 ޕޮއިންޓުގެ ފަރަގުންނެވެ. އާމިން، 12.00 ޕޮއިންޓް ހޯދިއިރު، އިޔަން އަށް ވަނީ 11.86 ޕޮއިންޓް ލިބިފަ އެވެ. އާމިން އެންމެ ރަނގަޅަށް ސްކޯކުރި ދެ ރާޅުން، 5.00 ޕޮއިންޓާއި 7.00 ޕޮއިންޓް ހޯދިއިރު، އިޔަން އެންމެ ރަނގަޅަށް ސްކޯކުރި ރާޅުތަކުން ހޯދީ 6.33 ޕޮއިންޓާއި 5.53 ޕޮއިންޓެވެ.
ގައުމީ ބަނޑުފިލާ ޗެލެންޖުގައި ބާކީ އޮތީ މާސްޓާސް ޑިވިޝަނާއި ޑްރޮޕްނީގެ ސެމީ ފައިނަލާއި ފައިނަލް ހީޓުތަކެވެ. އެ ހީޓުތައް އޮތީ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ