'ދަބަންގް 4' އުފައްދާނެކަން އަރުބާޒު ކަށަވަރުކޮށްދީފި

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފްރެންޗައިސް ކަމަށްވާ "ދަބަންގް"ގެ ހަތަރުވަނަ ބައެއް ގެނެސްދޭނެކަން އެކްޓަރު އަރުބާޒު ޚާން ކަށަވަރުކޮށްދީފިއެވެ. އަރުބާޒަކީ "ދަބަންގް" ފިލްމުގެ ސަޕޯޓިންގް ރޯލް ކުޅޭ އެކްޓަރެއްގެ އިތުރުން އެ ފިލްމުގެ ޕްރޮޑިއުސަރެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާއަށް މައުލޫމާތު ދެމުން އަރުބާޒު ބުނީ، "ދަބަންގް 4" އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ފިލްމާ ގުޅުންހުރި ގިނަ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް، އަވަސް އަރުވާލައިގެން ފިލްމުގެ މަސައްކަތްތައް ނިންމަން ބޭނުންނުވާތީ "ދަބަންގް 4"ގެ އެއްވެސް މަސައްކަތަކަށް ޓައިމްލައިންއެއް ދީފައިނުވާނެ ކަމަށް އަރުބާޒް ވަނީ ބުނެފައެވެ. ސަލްމާން ޚާން ކޮއްކޮ އަރުބާޒު ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ ފިލްމު "ދަބަންގް 4" އުފެއްދުމުގެ މަސައްކަތް ވެސް ކުރިއަށްދާނީ އެކްޓަރު ސަލްމާން ޚާންގެ މަޝްވަރާގެ މަތިން ކަމަށާއި ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭނެ ތާރީޚެއް އަންދާޒާކޮށް ބުނަން ނޭނގޭ ކަމަށް އަރުބާޒު ބުނެފައިވެއެވެ. މި ފިލްމަކީ ސަލްމާންގެ ސަޕޯޓަރުން ވަރަށް ބޮޑަށް އިންތިޒާރުކުރާ ފިލްމެއް ކަމަށާއި ނަމަވެސް "ދަބަންގް 4"އަށް ކުރަންޖެހޭ އިންތިޒާރު ތަންކޮޅެއް ދިގުވެދާނެ ކަމަށް ފިލްމު ކުޅުމުގެ އިތުރުން މިހާރު ބޮޑަށް ޕްރޮޑަކްޝަން ދާއިރާގައި ހަރަކާތްތެރިވާ އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "ދަބަންގް"ގެ އެންމެ ފުރަތަމަ ފިލްމު ގެނެސްދިނީ 2010ގައެވެ. އަބިނާވް ކޭޝަޕް ޑައިރެކްޓްކޮށް ގެނެސްދިން އެ ފިލްމަކީ ބަތަލާ ސޮނާކްޝީ ސިންހާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އޭގެ ފަހުން ގެނެސްދިން ދެ ފިލްމުން ވެސް ސަލްމާން ޚާން އަދި އަރުބާޒު ޚާން ފެނުނުއިރު ސޮނާކްޝީގެ ބަދަލުގައި ތިންވަނަ ފިލްމުން ފެނުނީ ސައީ މަންޖްރޭކަރުއެވެ. ސަލްމާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ބެޓްލް އޮފް ގަލްވާން"އިންނެވެ. މި ފިލްމު ސިނަމާތަކަށް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ