މީޑިއާ ކޮންޓްރޯލް ބިލް ދިރާސާކުރުން ސިއްރުކޮށްފި

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ސިއްރުން ދިރާސާކުރުމަށް އެ ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ.ބިލުގެ ކޮންމެ މާއްދާ އަކަށް 10-12 ކޮމެންޓު ލިބިފައި އޮތް ކަމަށް ކޮމިޓީގެ މުގައްރިރު މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މިއަދު ވިދާޅުވި އެވެ. ސަރުކާރުގެ ތާއީދާއެކު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. އެ ބިލުގައި 85 މާއްދާ އޮވެ އެވެ.މި ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި ނަމަވެސް ސަރުކާރަށް ތާއީދުކޮށްގެން އިންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ބިލު ގެންދިޔައީ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.ދެވަނަ ފަހަރު ހަންނާން އެ ބިލު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވެސް އެހީތެރިކަމާ އެކު ބިލަށް މަދު ބަދަލުތަކެއް ގެނައުމަށް ފަހުގަ އެވެ.ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކުރިއިރު، މި ބައްދަލުވުމުގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ކޮމިޓީން މީގެކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލު މަސައްކަތް ނިންމަން ފާސްކޮށްފަ އެވެ.އަންނަ ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ