ބިން ނުހިއްކުމަށް ރައީސް ނިންމެވީ އެއްވެސް މަޝްވަރާއެއް ނެތި: ދޮންފަނު ކައުންސިލް

ބ. ދޮންފަންނު ރައްޔިތުން ބިން ހިއްކުމަށް ބޭނުން ނުވާ ކަމަށް ވިދާޅުވެ، މިއަދު ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކީ އިތުރުފުޅެއް ކަމަށާއި ސަރުކާރުން އެ ރަށުގެ ބިން ނުހިއްކަން ނިންމީ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއެއް ނެތި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއުގައި މިދިޔަ މަހު ސޮއި ކުރުމާއެކު، އެކަމާ ދެކޮޅަށް ޝޯޝަލް މީޑިއާގައި ކެމްޕެއިނެއް ފެށި އެވެ. އެގޮތުން:
އެ ކެމްޕެއިން ފެށީ މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާނެތީ 
ސަރުކާރަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް، އެންމެ ފަހުން، އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމިކަން، ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމާ ކުރެއްވި 
ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއު ކުރިއަށް ނުގެންދަން ނިންމީ، ރަށުގެ ރައްޔިތުން މިހާރު އެކަން ކުރުމަށް ބޭނުން ނުވާތީ 
ރައީސްގެ އެ ވަހާކަތަކާ ގުޅިގެން ދޮންފަނު ކައުންސިލްގެ ފަސް މެންބަރުން ސޮއިކޮށް މިއަދު ބާޔާނެއް ނެރެފައިވޭ
ތަފްސީލު - ކައުންސިލްގެ ބަޔާނުގައި ބުނީ، ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމީ، "ރައްޔިތުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި" ކަމަށެވެ. އަދި ރައްޔިތުން މިހާރު ބިން ހިއްކުމަށް ބޭނުން ނުވާ ކަމަށް ވިދާޅުވެ ރައީސް "އިތުރުފުޅު ހައްދަވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ދޮންފަނުގެ ބިން ހިއްކުމަކީ، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއު ކަމަށްވާއިރު، ރައްޔިތުންނާ މަޝްވަރާކުރުމެއްނެތި ކުއްލި ގޮތަކަށް މިފަދަ ނިންމުމެއް ނިންމުމަކީ، މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ރައްޔިތުންނާއި ކައުންސިލްގެ "އެދުމާ ދެކޮޅަށް" ސަރުކާރުން މި ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެއްވެސް ދަތިކަމެއްވާ ނަމަ، އެކަމެއް ހައްލުކޮށް، ވީހާވެސް އަވަހަކަށް މަޝްރޫއު ފެށުމަށް ވެސް ގޮވާލާފައިވެ އެވެ.
ގުޅުންހުރި - ރައީސްގެ ނިންމެވުން އިއުލާން ކުރެއްވުމާއެކު މިއަދު ދޮންފަނުގައި އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ