ކޮންމެ ފަރާތަކަށް ވެސް ލޯނު ދޫކުރާނީ އުސޫލުތަކާ އެއްގޮތަށް: ބީއެމްއެލް
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފިއެވެ. ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި މިކަން ދޮގުކޮށްފައިވަނީ ބުރާސްފަތި ދުވަހު ސަރުކާރުން އުމްރާނީ ތަރައްގީގެ 206 މަޝްރޫއުއެއް 53 އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމާ ގުޅިގެން ދެކެވޭ ވާހަކަތަކުގެ ރައްދުގައެވެ. މި މަޝްރޫއުތައް ދިންއިރު، ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ މަސްލަހަތު އޮތް ކުންފުނިތަކަށް ވެސް މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މަޖިލީސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ އާއިލީ ގުޅުން އޮތް ކުންފުންޏަކާ ވެސް ލ. ފޮނަދޫގައި މަޝްރޫއު ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވެއެވެ. އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓު ލިމިޓެޑް ވެސް މި 53 ކުންފުނި ތެރޭގައި ހިމެނެއެވެ. މި ކަންކަމާ ގުޅިގެން، ސަރުކާރުގެ އިސް ބޭފުޅުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބީއެމްއެލްގެ އުސޫލުން ބޭރުން ފައިސާ ދިނުމަށް މަގުފަހިކުރުވި ކަމަށް ބުނެ، ވާހަކަތައް ފެތުރެމުން އެބަދެއެވެ. މި ވާހަކަތަކުގެ ރައްދުގައި ބީއެމްއެލް އިން ބުނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ މިނިވަންކަމާއެކުގައި ކަމަށެވެ. މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށް ބޭންކުން ބުންޏެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުން ކަމަށާއި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށާއި، ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާއި އެއްގޮތަށް ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. "އެގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ," ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަށްވެސް ބަލާނެ ކަމަށް ފާހަގަކޮށް ބީއެމްއެލް އިން ބުންޏެވެ. ހަމައެގޮތަށް ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާ ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ލޯނު ދޭނީ އަންޑަ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެއާއެކު، ބީއެމްއެލް އިން ބުނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ. https://sun.mv/213570 މީގެ އިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަނޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީ ދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނެއެވެ. މީގެ އިތުރުން ވެސް ބޭންކުން ބުނީ މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަކީ: • ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ • އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ • އިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ • ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ • ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ • އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ ބީއެމްއެލް އިން ބުނާގޮތުގައި މި އަދަދުތަކުން ހާމަވާ ގޮތުގައި ބޭންކުން ދަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކް ތުރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުންނެވެ. https://sun.mv/213565 އެހެންކަމުން ބީއެމްއެލްއާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ