އަސްލު ކުރަންވީ ކަންތައް ކުރަން އުޅޭތަން އެބަ ފެނޭތަ؟
މިސާލަކަށް ފަސް ކުދިންގެ ބައްޕައެކެވެ. އޭނާއަށް މަހަކު ލިބެނީ 25000 ރުފިޔާއެވެ. އޭނާގެ މުޅި އާއިލާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި, ގެ ހަދަންށާއި އެހެނިހެން ކަންކަން ޖެހިގެން ލޭންދޭނަށް ނަގާފައި ހުރި ފައިސާ ދައްކާފައި މަހަކު އެ 25000 ރުފިޔާއިން އޭނާއަށް ދެކޮޅެއް ނުޖެހެއެވެ. އެ ދެކޮޅު ނުޖެހޭ ބައި ހަމަޖައްސަން ޖެހެނީ އަނެއްކާ, އެއްބަނޑު މީހުންނާއި ރައްޓެހިންގެ އަތުން ފައިސާކޮޅުކޮޅު ހޯދާށެވެ. ސުވާލަކީ މި ހާލަތުގައި ހުރި ބައްޕައެއް އެ ހާލަތުން އަރައިގަންނާނީ ކިހިނެއް ހެއްޔެވެ؟ އެއްގޮތަކީ ދިރިއުޅުމުގެ ހަރަދުތައް ކުޑަ ކުރުމެވެ. އެއީ އެކަމަކު ވަކި ވަރަކަށް ކުރެވޭނެ ކަމެކެވެ. ޒަރޫރީ ބޭނުންތައް ފުއްދަން ޖެހޭނެތާއެވެ. ދެން އޮތް ގޮތަކީ ހަމައެކަނި އެ 25000 ރުފިޔާގެ ވަޒީފާއަށް ބަރޯސާ ނުވެ އިތުރަށް ފައިސާ ލިބޭނެ ކަމެއް ކުރުމެވެ. އެ ގޭގެ ބަދިގޭގައި މުށި ޖަހައިގެން, ގޭގެ ވަށާފާރުގައި ސިމެންތި ޖަހައިގެން އާމްދަނީއެއް އިތުރެއް ނުވާނެއެވެ. އެކަން ވާނީ ގޭގެ ހުސްބިމުގައި ދަނޑުވެރިކަން ކޮށްގެން ލިބޭ, ތަރުކާރީ އާއި މޭވާ ވިއްކައިގެން ނޫނީ ގޭގައި ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްގެން ވިއްކުންފަދަ, އާމްދަނީ ލިބޭނެ އިތުރު ކަމެއް ކޮށްގެންނެވެ. ގައުމަކަށް ބެލިނަމަވެސް އޮތީ ހަމަ އެ އުސޫލެވެ. ރައީސުންގެ ފަރާތުން ފެންނަން ޖެހޭވަރާ ގާތަށް ވެސް ނުފެންނަ މަންޒަރަކީ އާމްދަނީ އިތުރު ކުރަން ކަންކަން ކުރައްވަން އުޅުއްވާތަނެވެ. ކުރީގެ ރައީސް, އަދި ބޮޑުވަޒީރު އިބްރާހީމް ނާސިރު އެއާޕޯޓެއް އެޅުއްވިކަން އެއީ ނަސީބެކެވެ. އަދި އެ ވެރިކަމުގައި އަމިއްލަ ދިވެހީންތަކެއް އިސްވެ ރާއްޖެއަށް ތައާރަފް ކުރެއްވި ޓޫރިޒަމަކީ ދިވެހީންގެ ނަސީބެވެ. ހިތުހުރި ގޮތަކަށް, މާބޮޑު ޕްރެޝަރެއް ނެތި ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެ ދިގު 30 އަހަރުގައި ޓޫރިޒަމް މުޅި ދުނިޔެ ބަލައިގަންނަ ބްރޭންޑަކަށް ހެއްދެވިއެވެ. އެކަމަކު އެ ނޫނީ އެހެން އިންޑަސްޓްރީއަކަށް ފޯކަސް ކުރައްވައިގެން ކަމެއް ކުރައްވަން އުޅުނު މަންޒަރެއް ނުފެނުނެވެ. އެއަށްފަހު, ސީދާ ރައްޔިތުންގެ ސައްހަ ވޯޓަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޓެކްސް ތައާރަފް ކުރެއްވުމުގެ, ހިތްވަރުގަދަ ނިންމެނުން ނިންމެވިކަން އެއީ ވެސް ނަސީބެކެވެ. އަދި ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް, ދުނިޔޭގައި ވަރަށް ރަނގަޅަށް ހިނގާ މޮޑެލްއެއް ކަމަށްވާ ޕްރެވަޓައިޒޭޝަންގެ ނިޒާމުން ސަރުކާރުގެ ކުންފުނިތައް ހިންގަން ކުރެއްވި މަސައްކަތް ވެސް ރަނގަޅެވެ. ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖާއެކު މާލެއާއި ހުޅުލެ, އަދި ހުޅުމާލެ ގުޅާލުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރެއްވުން ފަދަ މުހިންމު, އިގްތިސާދަށް ދިރުންތައް ލިބޭ ފަދަ ބައެއް ކަންކަން ކުރައްވާފައި އެބަހުއްޓެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމާއި މިހާރު މި ހިނގާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ވެސް ރަނގަޅު ކަންތައްތަކެއް ނުކުރައްވާ ވާހަކައެއް ނޫނެވެ. އެކަމަކު މި ދެ ސަރުކާރު ފާހަގަ ކުރެވެނީ ވޭތުވެދިޔަ އެހެން ހުރިހާ ސަރުކާރުތަކަކަށް ވުރެ ވެސް އާމްދަނީ ހޯދަން ފޯކަސް ކުރުމުގެ ބަދަލުގައި ހަރަދު ކުރަން ފޯކަސް ކުރާ ކަމެވެ. އެއްވެރިކަމުން އަނެއް ވެރިކަމަށް ވާރުތަ ކޮށްފައިވާ ރާއްޖޭގެ ދަރަނި, 100 ބިލިއަން ރުފިޔާއިން މަތީގައި ހުރިއިރު މިއީ އެއްގޮތަކަށް ވެސް ރައްކާތެރި ގޮތެއް ނޫނެވެ. https://www.sun.mv/213362 މި ސަރުކާރަށް ދެ އަހަރު ވާން ބާކީ އަށް ދުވަސް އޮތްއިރު, މި ވެރިކަމުގައި ވެސް ދައުލަތަށް އިތުރު އާމްދަނީއެއް ލިބޭފަދަ, ރަނގަޅު ކަމެއް ކުރާތަން ނުފެންނަ ތަނުގައި ހަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހއ. އަތޮޅުގެ ހުރިހާ މަޖިލިސް މެންބަރުން އެއްކުރައްވައިގެން, އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު, 400 މިލިއަން ޑޮލަރުގެ ހުވަފެން ދައްކަވައި, ފެއްޓެވި ބަންކަރިންގެ ޚިދުމަތް ވެސް މާ އޮއްޓަރެއް ހުރި ގޮތަކަށް ކުރިއަކަށް ނުދެއެވެ. ފައިނޭޝިއަލް ސެންޓަރު އެޅުމަށް ގެންނެވި ބޭފުޅުން ވީ ތަނެއް ނޭނގެއެވެ. ޑިވެލޮޕްމަންޓް ބޭންކް ގާއިމު ކުރުން ވަނީ ޖޯކަކަށް ވެފައެވެ. ހަތް ސަތޭކައަށް ވުރެން އިތުރު ނުކުރައްވަން ވައުދުވެވަޑައިގެންނެވި ސިޔާސީ މަގާމުތައް އެހާ އިތުރުވެއްޖެއެވެ. އަނެއްކާ ބިޑަކަށް ނުލައި މި ފަހުން މި ހަވާލު ކުރި ދެ ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއުތަކުގެ ތެރޭގައި ވެސް ދައުލަތަށް އާމްދަނީއެއް ލިބޭފަދަ ކަމެއް ނެތެވެ. އަދި މި ސަރުކާރަށް ތިން އަހަރު ފުރޭ, އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަލާލާއިރު ވެސް އާމްދަނީ އިތުރު ކުރަން މާ ބޮޑު ކަންތައްތަކެއް ހިމަނާފައިވާ މަންޒަރެއް ނުފެނެއެވެ. މުޅިން ހުރީ އަތުން ފައިސާ ދާފަދަ ކަންކަމެވެ. މިއީ ދަރައި, ވިކިފައި އޮތް ގައުމަކަށް ވަރަށް ބޮޑު ދެރައެކެވެ. ފައިސާ ލިބޭ ކަމެއް ނުކޮށް ވާކަށް ނެތް މިއީ 2025 އެވެ. އެހެން ގައުމުތަކުން އޭޓީއެމް ވެސް ހުޅުވަންވީއެވެ. ނެޓްބޯޅައާއި ފުޓްސަލް ކުޅޭނެ ދަނޑުވެސް ހަދަންވީއެވެ. އަދި އެ ވަރުން ނުވާނަމަ އައުޑްޑޯ ޖިމާއި ސްކޫލުތަކުގެ ވަށާ ފާރު ވެސް ރާނަންވީއެވެ. ރައްޔިތުން އެ ދޭ ކަންކަން ހަމަކޮށްދޭންވީއެވެ. ހަމައެއާއެކު ދައުލަތަށް އާމްދަނީއެއް އިތުރުވާނެ ކަމެއް ކުރަން މާ ބޮޑަށް ލަސްވެއްޖެއެވެ. ޓޫރިޒަމަކީ ދިވެހީންގެ ނަސީބެވެ. އެ ދާއިރާ ކުރިއަރާފައި އެ އޮތީ އަމިއްލަ ވިޔަފާރިވެރިންގެ ބުރަ މަސައްކަތުންނެވެ. އެ އިންޑަސްޓްރީ އިތުރަށް ކުރިއެރުވުމަށްޓަކައި އެ ދާއިރާގެ ވިޔަފާރިވެރިންނަށް ފަހި, ލުއި ގޮތްތައް އަދިވެސް ހޯދައިދޭން އެބަޖެހެއެވެ. އޭގެ ބަދަލުގައި އެ ވިޔަފާރިވެރިންގެ މަޝްވަރާގެ ބޭރުން ކަންކަން ކުރުމާއި އަވައްޓެރި ގައުމުތަކާ ޖެހިގަތުން ފަދަ ކަންކަން ކުރާނަމަ އެއީ ގޯހެކެވެ. އަނެއްކޮޅުން 99 ޕަސެންޓް ކަނޑުއޮތް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތްވެސް ކުރިއަރުވަން ފޯކަސް ކުރަން އެބަޖެހެއެވެ. ޒަމާނުއްސުރެ, ސިޔާސީ ބޭނުމަށް ޓަކައި، ދުނިޔޭގެ ބާޒާރުގައި ނުވިއްކޭ އަގަށް މަސްވެރިންގެ އަތުން މަސް ގަތުމާއި, ފެނަކައާއި އެފަދަ އެހެން ކުންފުނިތަކުން ވަޒީފާ ބަހާލުމުގެ ސަބަބުން މަހަށް ދާނެ ދިވެއްސަކު ނުވުމުގެ ސަބަބުން މުޅި އެ އިންޑަސްޓްރީ އެ އޮތީ ހަލާކުވެފައެވެ. އަދި ސިޔާސީ ބޭނުމަށް މިފްކޯއިން ކުރާ ކަންތައްތަކުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ވެސް އެ އިންޑަސްޓްރީ ރާއްޖޭގައި ކުރިއަރުވަން ހުރަސްތައް އެހާ ގިނައެވެ. މީގެ އިތުރުން ވެސް ރާއްޖެއަށް ކުރެވިދާނެ ބައިވަރު ކަންކަން އެބަހުއްޓެވެ. ގުދުރަތީ ގޮތުން ރާއްޖެ މިއޮތް ސަރަހައްދުގެ ބޭނުން ކޮންމެހެން ހިފަން އެބަޖެހެއެވެ. މުޅި ދުނިޔެއަށް އުފުލާ ތެލުގެ 80 ޕަސެންޓާއި މުދަލުގެ 40 ޕަސެންޓް އުފުލަނީ މި ރާއްޖެ ކައިރިންލައިފައެވެ. އެކަމަކު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރިގެން ދިޔައިރު މީގެން ވެސް އެއްވެސް ފައިދާއެއް ނުނެގުނެވެ. އަވައްޓެރި ގައުމުތަކުން އެ ފައިދާ ނަގާއިރު ދެއަތް އުރާލައިގެން ދިވެހީން މިތިބީ އެތަން ބަލާށެވެ. ބޯޓު ބަނުމާއި, ޑިޖިޓަލް އިކޮނޮމީ އާއި ޓްރާންސްޝިޕްމަންޓް ބަނދަރު ހިންގުމާއި, ޝިޕް ރިޕެއާއާއި އަވިން ކަހަތަ އުފައްދައިގެން ވިއްކުމާއި, ކަނޑު ގޮވާން ކުރުމުން ފެށިގެން ރާއްޖެއަށް އިތުރު އާމްދަނީ ހޯދޭނެ އެތައް ގޮތެއް އެބައޮތެވެ. ނުވެގެން މިއުޅެނީ އެފަދަ ވިސްނުމެއް ހުރި, ނުވަތަ އެފަދަ އިހުލާސްތެރިކަމެއް ހުރި ވެރިން ނުލިބޭތީއެވެ. ކޮންމެ ފަސް އަހަރަކުން ތިމާމެންގެ ޖީބު ފުރައިގެން ދާން ވިސްނާބަޔަކަށް މިފަދަ ކަންކަން މުހިންމެއް ނުވާނެއެވެ. https://www.sun.mv/213287 އެތައް ގައުމެއް މިސާލަކަށް ފުދޭ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި ވެރިންނެވެ. އެ ވެރިން އެ ގައުމުތައް ތަރައްގީ ކުރީ, އާމްދަނީ ލިބޭނެ އެތައް ކަމަކަށް ފޯކަސްކޮށްގެން ކުރެއްވި މަސައްކަތްތަކުންނެވެ. މިސާލަކަށް އަނެއްކާވެސް ސިންގަޕޫރު ބަލަމާތޯއެވެ. ދިވެހި ރާއްޖެއާ އެކުއެކީހެން މިނިވަންކަން ލިބުނު އެ ގައުމުގައި ގުދުރަތީ އެއްވެސް ވަސީލަތެއް ނެތެވެ. އެކަމަކު އެ ގައުމަށް ލިބު ޖަވާހިރެއްފަދަ ވެރިޔާ, ލީ ކުއާން ޔޫގެ ހިކުމަންތެރި, އިހުލާސްތެރި މަސައްކަތުން އެ ގައުމު އިންޑަސްޓްރިއަލް މަސައްކަތްތަކަށް ފޯކަސް ކުރެއްވެވިއެވެ. ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީ ކުރެއްވުމުގެ އިތުރުން, ޝިޕްބިލްޑިންއާއި ލޮޖިސްޓިކް ހަބަކަށް ބަދަލު ކުރެއްވެވިއެވެ. އޭގެ އިތުރުން ވަރުގަދަ އިންވެސްޓްމަންޓް ބޯޑެއް އުފައްދަވައި ފައިނޭޝިއަލް ހަބަކަށް ހެއްދެވިއެވެ. ނަތީޖާއަކީ ފަތުއަޑު ކިޔާފައި ކުރިއަށް ގޮސް މުޅި ދުނިޔެއަށް އެ ގައުމު ނަމޫނާއަކަށް ވުމެވެ. މީގެ އަނެއް މިސާލަކީ މޮރިޝަސްއެވެ. އެ ގައުމަކީ 1980 އާ ހަމައަށް މުޅިންހެން ހަކުރު އެކްސްޕޯޓް ކުރަން ބަރޯސާވެފައި އޮތް ގައުމެކެވެ. އެކަމަކު ފަހުން ސާވިސްއަށް ފޯކަސްކޮށް, މުޅި އިގްތިސާދު ބަދަލު ކުރީއެވެ. އަންނައުނު ތައްޔާރުކޮށް އެކްސްޕޯޓް ކުރުމާއި, ޓޫރިޒަމްގެ ދާއިރާއަށް ވަނީއެވެ. މީގެ އިތުރުން އެކްސްޕޯޓް ޕްރޮސެސިން ޒޯނެއް ހަދައި އިންވެސްޓަރުންގެ ޝައުގު ހޯދިއެވެ. އެ ގައުމުގެ އިގްތިސާދު ޑައިވަސިފައި ކުރުމުގެ ނަތީޖާއަކީ ދަރަނި ދަށްވެ, ބޭރު ފައިސާ ލިބޭލެއް އިތުރުވުމެވެ. ދިވެހި ބައެއް ވެރިން ސިންގަޕޫރު ދަތުރުގެ ތެރެއިން: ސިޔާސީން އެންމެ ގިނައިން މިސާލު ޖައްސަވާ އަދި ގިނައިން ދަތުރު ކުރައްވާ އެއް ގައުމަކީ ސިންގަޕޫރު-- ސަން ގްރެފިކްސް: އަލީ އަލްތޯފްސީޝެލްސްއަކީ ވެސް ހަމަ އެފަދަ މިސާލެކެވެ. އެ ގައުމަށް ޓޫރިޒަމުން ލިބޭ ފައިސާ, މަސްވެރިކަމުގެ ޕްރޮޑަކްޓްތައް ހެދުމަށް ސަރުކާރުން އިންވެސްޓް ކުރަން ފެށުމުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އަދި މަސްދަޅު ހެދުމާއި, ބޯޓް ބަނުމާއި ބަނދަރު ތަރައްގީ ކުރުންފަދަ މަސައްކަތްތައް ކުރުމަށް އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް އެ ގައުމުން ދިނެވެ. އޭގެ ފައިދާ ވަރަށް ވެސް ރަނގަޅެވެ. މިހެންގޮސް ދުނިޔެއިން ކިތަންމެ މިސާލެއް ދެއްކި ދާނެއެވެ. އަދި އެތައް ވާހަކައެއްވެސް ދެއްކި ދާނެއެވެ. އެކަމަކު އަމަލު ނުކުރާނަމަ ވާނެ ފައިދާއެއް ނެތެވެ. އަހަރެމެންގެ ސިޔާސީ ބޭފުޅުން ވާހަކަ ދައްކަން ކިތަންމެހާ ވެސް ކުޅަދާނައެވެ. އެކަމަކު އަމަލު ކުރާކަށް ނޭނގެއެވެ. ނޫނީ އަމިއްލަ އެދުމާމެދު ވިސްނާފައި އެހެން ކަމަކާ ނޫޅެވެނީއެވެ. އެއް ގައުމަށް ސަލާން ޖަހައިގެން ހިލޭ އެހީ ހޯދައިފައި, އަނެއް ގައުމަށް ސަލާން ޖަހައިގެން ބަޖެޓް ސަޕޯޓް ހޯދައި ހޯދައި ޖީލުތަކެއް ނިމިގެން މިއޮއް ދަނީއެވެ. މިއީ ވަރަށް ހުތުރު, އަދި ދެކޮޅު ނުޖެހޭ އިގްތިސާދީ އުސޫލެކެވެ. ހަރަދު ފޫބައްދަން, އަދި ދަރަނި މެނޭޖު ކުރަން ކުރަންވީ ކަމަކީ އާމްދަނީ ލިބޭނެ ކަންކަން އިތުރު ކުރުމެވެ. އާމްދަނީއަށް ނުބަލައި, ހަމައެކަނި ޚަރަދުކުރަން އުޅޭ ގައުމަކަށް ދުވަހަކު ވެސް ހިތްދެމި ނުލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ