މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މިހާރު އޮތް މާލީ ހާލަތަށް ދިޔައީ ކުރީ ސަރުކާރުގެ ފަހު 4 އަހަރު ޖަމާވި މާލީ ގެއްލުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ މާލީ ހާލަތު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ އިން ނިންމި ގޮތުގެ ރިޕޯޓު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 27 މިލިއަން ރުފިޔާ ދަރަންޏަކާއެކު އެމްއެމްޕީއާރުސީ އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީ އެވެ.
ތަފްސީލް - މަޖިލީހުގެ ކޮމެޓީ ރިޕޯޓުގައި ހުރި ވާހަކަތައް މީޑިއާއިން ރިޕޯޓު ކުރުމުންް އެމްއެމްޕީއާރުސީ އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެ ކުންފުނިން ބުނެފައިވަނީ ކުންފުނީގެ މާލީ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުގެ 4 އަހަރު ތެރޭ ޖަމާވި ގެއްލުން ކަމަށެވެ.
ކުރީ ސަރުކާރުގެ ފަހު4 އަހަރު އެމްއެމްޕީއާރުސީ އަށް ލިބުނު ގެއްލުމުގެ ނަންބަރުތައް ވެސް އެ ބަޔާނުގައި ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން
2020 ވަނަ އަހަރު 1.6 މިލިއަން ރުފިޔާގެ ގެއްލުން
2021 ވަނަ އަހަރު 141 މިލިއަން ރުފިޔާގެ ގެއްލުން
2022 ވަނަ އަހަރު 42 މިލިއަން ރުފިޔާގެ ގެއްލުން
2023 ވަނަ އަހަރު 17.9 މިލިއަން ރުފިޔާގެ ގެއްލުން
"މިއީ މި ކޯޕަރޭޝަން މަލީ ގެއްލުމުގެ ހާލަތަކަށް ވެއްޓުނު އެންމެ މުހިންމު އެއް ސަބަބެވެ." އެ ބަޔާނުގައި ވެއެވެ.2020 އިން2023 އަށް އެ ކުންފުންޏަށް203 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.
އެމްއެމްޕީއާރުސީ އިން ބުނީ މަޖިލީހުގެ ރިޕޯޓުގައި އޮތީ މިދިޔަ 6 އަހަރުގެ މާލީ ހިސާބުތަކުގެ ވާހަކަތައް ކަމަށެވެ. ފާއިތުވި އަހަރުގެ ތެރޭ ކުންފުނި ހިންގުން އިސްލާހުކޮށް، ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން:
ހަރަދުތަކުގެ %10 ކުޑަކުރެވިފައިވޭ
ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނާޝިޕްތަކުގެ ރިވިއު އެއް ހަދާ ޕީއާރު އެޖެންސީތަކުގެ އަދަދު21 އިން6 އަށް މަދުކޮށްފި
މީގެ ސަބަބުން4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވިއްޖެ
އެމްއެމްޕީއާރުސީ އިން ބުނީ ކުންފުނީގެ ބަޖެޓުގެ %80 ބޭނުންކުރަމުން ގޮސްފައިވަނީ ޓްރޭޑްޝޯތަކަށް ކަމަށެވެ. ނަމަވެސް މިހާރު ހަރަދު ރީ ސްޓްރަކްޗާކޮށް، %34 ދަށްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެއާއެކު ބައިވެރިވާ ކޮންމެ ބޮޑު ހަރަކާތަކުން ވެސް އެވްރެޖުކޮށް2 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ
ނަމަވެސް ވިޒިވިލިޓީ ކުރިއެކޭ އެއްގޮތަށް ދެމެހެއްޓޭ
އެމްއެމްޕީއާރުސީގެ ސްޓްރެޓެޖިކް މާކެޓިން ޕްލޭންގެ ދަށުން21 އަށް ވުރެ ގިނަ ކެމްޕޭނު ކުރިއަށްގެންދާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ޑޮލާ-ޓު-ޑޮލާ ޕާޓްނާޝިޕްތަކުގެ ތެރެއިން10 މިލިއަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ.
އެމްއެމްޕީރާއުސީ އިން ބުނީ، ފަތުރުވެރިން އެންމެ ގިނައިން އަންނަ10 މާކެޓުތަކުން އަހަރުން އަހަރަށް އަންނަ ފަތުރުވެެރިންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރު އިންޑިއާ މާކެޓު %39 ދަށްވި ނަމަވެސް މި އަހަރު އެ މާކެޓަށް %4 ކުރިއެރުން އައިސްފި
ޔޫރަޕާއި އޭޝިއާގައި ރާއްޖޭގެ މައުލޫމާތު ހޯދާ މީހުންގެ އަދަދު %1000 އިތުރު
އެމްއެމްޕީއާރުސީ އިން ބުނީ ވާދަވެރި އެހެން މަންޒިލުތަކުގެ މާކެޓިން އަށް އެ ގައުމުތަކުގެ ސަރުކާރުން ފުރިހަމަ ސަބްސިޑީ ދޭ ކަމަށެވެ.
"މި ކޯޕަރޭޝަން ހިންގަމުން ދަނީ މާލީ ގޮތުން ވަރަށް ތަފާތު ހާލަތެއްގަ އެވެ" ރާއްޖޭގެ ވިޒިބިލިޓީ ދަމަހައްޓާ، ފަތުރުވެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމަށް އެކަށީގެންވާ މިންވަރެއްގައި ފަތުރުވެރިކަން އިޝްތިހާރު ކުރަން އިންވެސްޓު ކުރަން ޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއެމްޕީއާރުސީން ހަގީގަތް ކިޔައިދީފި؛ މިއީ 2020ން ފެށިގެން ވީ ގެއްލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ