ފަހަތުން އަރާ މަޔޯކާ ބަލިކޮށް ރެއާލުން ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗުގައި މަޔޯކާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެން، ރެއާލުން މެޗު ކާމިޔާބު ކޮށްފިއެވެ.
މިއީ އައު ސީޒަންގައި ލީގުގައި ރެއާލުން ކުޅުނު ތިންވަނަ މެޗެވެ. ތިން މެޗު ވެސް މޮޅުވެ ރެއާލުން ވަނީ ނުވަ ޕޮއިންޓް ހޯދާފައެވެ.
ރޭ މެޗުގައި މަޔޯކާ އިން ލީޑުނެގީ، 18 ވަނަ މިނިޓްގައި މުރީގީ ޖެހި ގޯލުންނެވެ. މިއީ، ޕަބްލޯ ޓޯރޭ ނެގި ކޯނަރަކުން މުރީގީ ޖެހި ގޯލެކެވެ. އޭގެ ކުރިން، ރެއާލްގެ އެމްބާޕޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ.
ރެއާލުން މެޗުގައި ނަތީޖާ އަނބުރާލީ ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، މެޗުގެ 37 ވަނަ މިނިޓްގައި ރެއާލުން އެއްވަރުކުރީ، ޑީން ހައުސަން ދިން ބޯޅައަކުން އާޑާ ގުލެއާ ޖެހި ގޯލުންނެވެ. އަދި، އޭގެ މިނިޓެއް ފަހުން، ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ވިނީޝިއުސް ޖޫނިއާގެ ފެންވަރު ދައްކާލައި އޭނާ ޖެހި ގޯލުން ރެއާލުން ނަތީޖާ އަނބުރާލިއެވެ.
މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ރިއާލް މެޑްރިޑްގެ ކޯޗް ޒާބީ އެލަންސޯ ބުނީ މި މެޗުން މޮޅުވުމަކީ ރަނގަޅު ކާމިޔާބީއެއް ކަމަށާއި ނަމަވެސް މިއީ އުނދަގޫ މެޗެއްކަމަށެވެ.
މެޗުގެ ދެވަނަ ހާފުގައި އާދާ ގުލާ ޖެހި ގޯލު ރެފްރީ، ވީއޭއާރުން ބެލުމަށް ފަހު ކެންސަލް ކޮށްލީ އެ ލަނޑު ޖެހުމުގެ ކުރިން އެ ބޯޅަ އޭނާގެ އަތުގައި ޖެހުނުކަމަށް ބަލާފައެވެ. އެ ލަނޑާއި ގުޅޭގޮތުން އެލަންސޯ ބުނީ ގުލާ ޖެހި ލަނޑު ރެފްރީ ނިންމީ އެއީ ހޭންޑްބޯލްއެއް ކަމަށާއި ނަމަވެސް އެކަމުގައި އޭނާގެ ވިސްނުން ތަފާތު ކަމަށެވެ. އެލަންސޯ ވަނީ މެޗުގައި ވިނީސިއަސް ދެއްކި މޮޅު ކުޅުން ފާހަގަކޮށް އެކަމަށް ތައުރީފު ކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ