ނައިބު ރައީސް ސްޕެއިނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް، އެފްއެފްޑީ4 ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.މި ދަތުރުފުޅުގައި ނައިބުރައީސް ވަނީ އެފްއެފްޑީ4 ގެ ހުޅުވުމުގެ ރަސްމިއްޔާތާއި އަދި މަތީ ފެންވަރުގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ނައިބުރައީސް ވަނީ މިކޮންފަރެންސްގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑާ ރައުންޑްޓޭބަލް 6: "ރިފޯމިން ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗާ އެންޑް އެޑްރެސިން ސިސްޓެމިކް އިޝޫސް" ގައި ތަގުރީރު ކުރައްވާފަ އެވެ.ނައިބުރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މާލީ ނިޒާމު އިސްލާޙުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްއަށް ހަމަހަމަ ތަމްސީލުކުރުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށާއި، އިންސާފުވެރިކަމާއެކު ކްރެޑިޓް ރޭޓިން ދިނުމަށް ގޮވާލައްވާފައިވެ އެވެ.ނައިބުރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއިން އިސްނަގައިގެން މި ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިތުރު ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.މި ހަރަކާތްތަކުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި އިގުތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތައް ފާހަގަކުރައްވާފަ އެވެ. މީގެ ތެރޭގައި މުރަކަ އިންޝުއަރެންސް އިނީޝިއޭޓިވް ތަޢާރަފުކުރުމާއި، ޒުވާނުންނާއި އަންހެނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ) ތަކަށް އަހައްމިއްޔަތުކަން ދިނުން ހިމެނެ އެވެ.މީގެ އިތުރުން، ނައިބުރައީސް ވަނީ އެފްއެފްޑީ.ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ބައިވެރިވެވަޑައިގެންފަ އެވެ.ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަނީ އެ ކޮންފަރެންސްގެ ތެރޭގައި ބޭއްވި މަތީ ފެންވަރުގެ އެކިއެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެފްއެފްޑީ ހަތަރެއް ކުރިއަށް ދިޔައީ ޖޫން މަހުގެ 30 އިން ފެށިގެން ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ